
އަތޮޅު ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލްތަކަށް ލިބޭ ގްރާންޓު ބޮޑުވާނެ، ބަދަލުތައް ގެންނަނީ ރައްޔިތުންނަށް ފައިދާކުރުވަން!
# ރައީސް މުއިއްޒު-
އަތޮޅު ކައުންސިލްތައް އުވިގެން ދިޔުމާއިއެކު ރަށު ކައުންސިލްތަކަށް ސަރުކާރުގެ ބަޖެޓުން ދެމުންދާ ބްލޮކް ގްރާންޓު އިތުރުވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު ބިލެތްފެއްސަށް ވަޑައިގެން މިރޭ އެރަށުގައ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބޭ ފައިދާތައް އިތުރުކޮށްދެއްވުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއި ބެހޭ ގޮތުން މިރޭ ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރަށްރަށުގެ ރަށު ކައުންސިލްތަކަށް ލިބިދޭންޖެހޭ މާލީ ބާރުވެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. އެގޮތުން ގާނޫނަށް ބަދަލުގެނެސް އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން މިހާރު ނިންމަވާފައިވާކަން ތަކުރާރުކުރައްވައި ރައީސް ވިދާޅުވީ މިބަދަލާއިއެކު އަންނަ އަހަރުން ފެށިގެން ބްލޮކް ގްރާންޓްގެ ގޮތުގައި ސިޓީ ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށް ލިބޭ އިންސައްތަ ބޮޑުވާނެކަމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ފައިސާގެ ޢަދަދުވެސް އިތުރުވާނެކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބްލޮކް ގްރާންޓުން ލިބޭ އިންސައްތަ 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ސަރުކާރާއި އެމަނިކުފާނުގެ އެންމެ މުހިންމު މަޤްސަދަކީ ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މީގެ ކުރިން ކައުންސިލްތަކުން ރައީސުލްޖުމްހުރިއްޔާ އާއި ސަރުކާރުގެ ވުޒާރާތަކާއި ބައްދަލުކުރުމަށް މާލެއަށް ދަތުރުކުރާކުރުން ބަދަލުކޮށް، ސަރުކާރު ހިންގެވުމުގައި ތިއްބަވާ ބޭފުޅުން އަތޮޅުތަކުގެ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެގޮތަށް ނިޒާމު ހިންގުމަށް ގެނެވުނު ބަދަލުގެ ފައިދާ ކުރާކަމަށެވެ.
އެގޮތުން ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެއްވާ ކަންކަމުގެ މައުލޫމާތު އެރައްޔިތުންނާއި ހިއްސާކުރެއްވުމަށް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންނަވާ ބަދަލުތަކާއެކު ރަށްރަށުގެ ކައުންސިލްތަކުން އޭގެ ފައިދާ އެންމެ ބޮޑުގޮތެއްގައި ރައްޔިތުންނަށް ކުރާނެ ފަދަ ގޮތަކަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ގުޅުންހުރި

ތިންބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުން، ރައީސްގެ ޝުކުރު ސިއްހީ ހިދުމަތްތެރީންނަށް!

ކަންކަން ހުރީ ތަރުތީބުކޮށްފައި، ރާއްޖެ ޑިފޯލްޓެއް ނުވާނެ - ރައީސް
