އަންނަ އަހަރުގެ ދިރާސީ އައު އަހަރަށް ގޮއިދޫ ސްކޫލްގެ މަޝްރޫޢު ނިންމައި ޙަވާލުކޮށްދެއްވާނަން - ރައީސް
# ރައީސް މުއިއްޒު-
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ހުއްޓިފައިއޮތް ގޮއިދޫ ސްކޫލްގެ މަޝްރޫޢު ނިންމައި ޙަވާލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަންދެއްވީ، އެ މަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ހުއްޓިފައިއޮތް ގޮއިދޫ ސްކޫލްގެ މަޝްރޫޢު ނިންމައި ޙަވާލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސްކޫލުގެ 8 ކްލާސްރޫމުގެ މަސައްކަތަކީ ފަށައިގެން ހިޔާކުރުމާއި ހަމައަށްގޮސް ހުއްޓިފައިވާ މަޝްރޫޢެއް ކަމަށާއި ދިގުލައިގެންގޮސްފައިވާ މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ފަރާތާއެކު ކުރިއަށް ނުގެންދެވުމުން މިހާރު ސަރުކާރުގެ ކުންފުންޏަކާއި ޙަވާލުކުރައްވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތް ހަވާލުކުރައްވާފައިވާ ފެނަކައިން މި މަސައްކަތަށް ބޭނުންވާ ތަކެތި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަމަކޮށް، ރަށަށް އެ ސާމާނު ގެނެސް، އެ މަސައްކަތް ފެށިގެންދާނެކަމުގައި އެ މަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް ވާހަކަފުޅުގައި، ގޮއިދޫ ޞިއްޙީ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމަކީ އެރަށު ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާއި ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާ އަދި އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ބަޔަކާއި ޙަވާކުރައްވާނެކަމުގައި ވިދާޅުވިއެވެ. ގޮއިދޫގައި ސަރުކާރުން ބިނާކުރާ ޞިއްޙީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތަކީ ދިހަ ވޯޑުއެނދު ހިމެނޭ، ޕްރައިވެޓް ރޫމްތަކާއި ޓްރައޭޖް އަދި ކޮންސަލްޓޭޝަން ރޫމް ހިމެނޭހެން ޖުމްލަ ވިހި އެނދާއެކު ތަރައްޤީކުރާ ޢިމާރާތެކެވެ.
މީގެ އިތުރުން މިއަދު ސޮއިކުރެވުނު މަސައްކަތްތަކާއި މިއަދު ފެށި ކަންކަން ހިނގަމުންދާނެ ކަމަށާއި މީގެ އިތުރަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހައްދަވައިދެއްވައި، ވޮލީ ކޯޓަކާއި ހޭންޑްބޯލް ކޯޓެއް ގޮއިދޫގައި އަޅައިދެއްވާނެކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ގޮއިދޫގެ ދަނޑުވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުންނެވެ.
ގުޅުންހުރި

ތިންބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުން، ރައީސްގެ ޝުކުރު ސިއްހީ ހިދުމަތްތެރީންނަށް!

ކަންކަން ހުރީ ތަރުތީބުކޮށްފައި، ރާއްޖެ ޑިފޯލްޓެއް ނުވާނެ - ރައީސް
