
އެޗްޑީސީއިން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތައް ކުއްޔަށް ދޫކުރޭތޯ ބަލައި ފިޔަވަޅު އަޅަނީ
# އެޗްޑީސީ-
ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތައް ކުއްޔަށް ދޫކުރޭތޯ ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެކޯޕަރޭޝަނުން ދީފި އެވެ.

އެޗްޑީސީ އިން ތަރައްގީކޮށް ބަލަހައްޓަމުންގެންދާ ސޯޝަލް ހައުސިންގ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިއަދު އެކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަންނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާތީ، މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިންގ ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއްކަމުގައި ކަމަށެވެ.
އެހެންކަމުން، ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލަމުން ގެންދާނެކަން ފާހަގަކޮށް އެއްބަސްވުމާ ހިލާފަށް، އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަން އެޗްޑީސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.
އެޗްޑީސީން މިފަދައިން ބުނި އިރު ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށުން ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ ފްލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރުމަށް އިޝްތިހާރުކުރަމުންދާ މައްސަލަ ވަނީ ފެންމަތިވެފައި އެވެ. އެގޮތުން އެފްޑީސީންވެސް ވަނީ އެފަދައިން އެ ފްލެޓުތައް ކުއްޔަށް ދޭތޯ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިއްޔެ ދީފައި އެވެ.
ގުޅުންހުރި

އެޗްޑީސީ ސްޓާފުންގެ އެޕާޓްމަންޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

32 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް އެޗްޑީސީއާއި ހަވާލުކޮށްފި

ދުންފަތާ ދެކޮޅަށް ކުރިއަށްގެންދިޔަ 'ނެޝަނަލް ޓޯޗް ރަން' އަށް އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް





