logoEN
Sto top
ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑުސް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑުސް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

އަހުމަދު ޝުރާއު

logo

10/11/2025, 6:30:54 PM

# ފަތުރުވެރިކަމާ ބެހޭ ވުޒާރާ

-

ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު މިއަދު ބާސެލޯ ނަސަންދުރާ މާލޭގައި ވަނީ ބާއްވާފައިއެވެ.

Wamco

މި އެވޯޑަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން 2022 ގައި ތައާރަފުކޮށްފައިވާ އެވޯޑެކެވެ. މި އެވޯޑުގައި ހިމެނޭ ދާއިރާތަކަކީ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، މުޖުތަމައު ބާރުވެރިކުރުވުމާއި، އަދި ތިމާވެށި ރައްކާތެރިކުރުމެވެ.

މި އަހަރުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑު ވަނީ ހަވާލުކޮށްފައިއެވެ.

މި ރަސްމިއްޔާތުގައި، ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ކުރިން ކުރައްވާފައިވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް ޙަސަން ސާބިރު އާއި، މި ސިނާޢަތުގެ ރާއިދެއްކަމުގައިވާ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް މުޙައްމަދު ޢުމަރު މަނިކުގެ ހަނދާނުގައި ސުކޫތެއް ވަނީ ގެނެސްފައެވެ.

އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ އެވޯޑު ހާސިލްކުރެއްވި ފަރާތްތަކަށް މަރުޙަބާ ދަންނަވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި މި ކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަން ޔަގީންކޮށްދެއްވާފައެވެ. އެގޮތުން، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުރުމަށް މަގު ފަހިކޮށްދީ، މި ސިނާއަތަށް ސަރުކާރުގެ ފަރާތުން ބޭނުންވާނޭ އެހީތައް ފޯރުކޮށްދިނުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ކުރިއަށް އޮތް އަހަރުގައި އިތުރު އެވޯޑުތަކެއް ތައާރަފުކުރާނޭ ވާހަކަ ވަޒީރު އިއުލާނުކުރެއްވިއެވެ. މިގޮތުން، އަންހެނުން ބާރުވެރިކުރުވުމާއި، ރާއްޖޭގެ ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެވޯޑު ދޭނޭކަމަށް ވަޒީރު ދެންނެވިއެވެ. އަދި މީގެ އިތުރުން، ޕްރޮފެޝަނަލް ދާއިރާއިން ވަކިވަކި ފަރުދުން ހޯދާ ކާމިޔާބާއި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތިންވަނަ އަހަރީ ފަތުރުވެރިކަމުގެ އެވޯޑަށް، ފަތުރުވެރިކަމުގެ ހިދުމަތްދޭ 43 ފެސިލިޓީއަކުން 19 އެވޯޑަށް ޖުމްލަ 84 އެޕްލިކޭޝަން ވަނީ ލިބިފައިއެވެ. މީގެ ތެރޭގައި ޓޫރިސްޓު ރިސޯޓުތަކަށާއި، ޓޫރިސްޓު ހޮޓާތަކަށާއި، ޓޫރިސްޓު ގެސްޓްހައުސްތަކަށާއި، އަދި ޓޫރިސްޓު އުޅަނދުތަކުގެ ކެޓަގަރީއިން، ކޮންމެ ކެޓެގަރީއަކަށް 5 އެވޯޑު ހިމެނެއެވެ. އަދި މީގެ އިތުރުން ޓްރެވަލް އޭޖެންސީތަކަށާއި، ރިސޯޓުތަކާއި ރަށްރަށުގައި ހުންނަ ޑައިވް ސެންޓަރުތަކަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ދެއްވާ އެކްސެލެންސް އެވޯޑް ވެސް ހިމެނެއެވެ. މި އެވޯޑުތަކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވަޒަންކުރީ މި ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ 3 މެމްބަރުގެ ޕެނަލްއަކުންނެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެވޯޑު ތައާރަފުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. މިއަދުގެ ރަސްމިއްޔާތަކީ 2024 ވަނަ އަހަރުގެ އެވޯޑުތައް ދިނުމުގެ ރަސްމިއްޔާތެވެ. މިއަދު އެވޯޑު ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ހިންގާފައިވާ މަސައްކަތްތަކަށް ބިނާކޮށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC