
އެމްޑީޕީގެ މުޒާހަރާއާއިހެދި މީހުންގެ ދިރިއުޅުމަށް ދަތިވި، މުޒާހަރާކުރަންވީ ގާނޫނީ އިމުގެ ތެރެއިން - ޒަމީރު
# މޫސާ ޒަމީރު-
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ދަތިކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ރޭ ހިނގި ހާދިސާތަކުން އަނެއްކާވެސް ދައްކުވައިދިނީ އަމަން އަމާންކަން ދެމެހެއްޓުމުގައި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކަމަށާއި މީގެ ކުރިންވެސް އަމަލުކުރަމުންދާ ފަދައިން މުޒާހަރާ ކުރުމަށް ވަކި މަގެއް ކަނޑައަޅައި ހުއްދަ ދީފައި އޮތް ނަމަވެސް، އެމްޑީޕީ ލީޑަރުންގެ އިރުޝާދުގެ ދަށުން ބައިވެރިން ޤާނޫނީ އިރުޝާދުތަކާ ޚިލާފުވެ، މަޖީދީމަގު ބަންދުކޮށް މީހުންގެ ދިރިއުޅުމަށް ދަތިކުރި ކަމަށެވެ.އަދި ގަސްތުގައި ރުޅިއެރުވުމުގެ ޢަމަލުތަކާ ކުރިމަތިލާއިރު ދިވެހި ފުލުހުންގެ ޚިދުމަތުން ދައްކާފައިވާ ކެތްތެރިކަމާއި، ޕްރޮފެޝަނަލްކަން ފާހަގަކުރަން. ފުލުހުންގެ ޚިދުމަތުގެ ޒިންމާއަކީ އަމަން އަމާންކަން ރައްކާތެރިކޮށް، މުދާ ހިމާޔަތްކޮށް، އަދި ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުންކަން ފާހަގަކުރައްވައި ޒަމީރު ވަނީ ދިވެހި ފުލުހުން މި ޒިންމާ ރޭ އަދާކުރީ ޕްރޮފެޝަނަލްކަމާއެކުގައި ކަމަށް ވިދާޅުވެފައި އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ސުލްޙަވެރި މުޒާހަރާކުރުމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއް ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ޤާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ދައުރަކީ ފުރާނައާއި މުދަލާއި އަދި ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށާއި ފުލުހުންގެ ޚިދުމަތުން އަޅަމުންދަނީ މިޒިންމާ އަދާކުރުމުގެ މުހިންމު ފިޔަވަޅުތަކެއްކަމުގައި ޒަމީރު ވިދާޅުވިއެވެ.
ޒަމީރު މިފަދައިން ވިދާޅުވިއިރު ރޭގެ އެއްވުމާއި ގުޅިގެން ފުލުހުންވެސް މިރޭ ވަނީ ބަޔާނެއްގައި ނެރެފައި އެވެ. އެގޮތުން ފުލުހުންގެ ބަޔާނުގައި ބުނީ އެމް.ޑީ.ޕީ ގެ ފަރާތުން އިންތިޒާމުކޮށްކޮށްގެން މާލޭގައި ބޭއްވި އެއްވުން ކުރިއަށްގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއި އެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ހިލާފަށް އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށާއި، ކުރިން އެއްބަސްވެވިފައިވާގޮތަށް އެއްބަސްވުން ކުރިއަށް ގެންދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރިނަމަވެސް، އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި، ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާއި ހިލާފު ހަރަކާތްތަކެއް ހިންގާފައިވާކަމަށް ވަނީ ބުނެފައި އެވެ.
ގުޅުންހުރި

އެމްޑީޕީގެ މުޒާހަރާއާއިހެދި މީހުންގެ ދިރިއުޅުމަށް ދަތިވި، މުޒާހަރާކުރަންވީ ގާނޫނީ އިމުގެ ތެރެއިން - ޒަމީރު

ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިވެ، ރައްޔިތުންނަށް ފައިދާކުރާނެ: ޒަމީރު

މަތިވެރީގައި އަޅާ އާ އެއަރޕޯޓުން އެތެރޭގެ ދަތުރުފަތުރާއި ފަތުރުވެރިކަން އިތުރުކޮށްދޭނެ - ޒަމީރު
