
ގާސިމް އިބްރާހިމް-
އިދިކޮޅު އެމްޑީޕީން އިސްނަގައިގެން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާގައި ރައްޔިތުން ބައިވެރިނުވާން ، މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު އަދު ޖުމްހޫރީ ޕީޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިި އެވެ.

މިއަދު ހެނދުނު ގާސިމް އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ބަޔަކު ރާވައިގެން ބާއްވާ މުޒާހަރާގައި ޖޭޕީގެ އެއްވެސް މީހަކު ބައިވެރިނުވުމަށް އެދޭ ކަމަށާއި އެއީ ބިނާ ކުރަނިވި މުޒާހަރާއެއް ނޫން ކަަމަށެވެ. އަދި އެއީ ފަނާ ކުރަނިވި މުޒާހަރާއެއް ކަަމަށާއި އެއީ ވެރިކަން ހޯދަންވެެގެން ކުރާ ބޮޑު ނުބައި ކަމެއް ކަަަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މިރޭގެ މުޒާހަރާ ގާސިމް ސިފަކުރެއްވީ ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިޔަ ނުދީ ވެރިކަން ހޯދަން ފިތުނަ ކުރަން ވެގެން ކުރާ ނުބައި ކަމެއްގެ ގޮތުގައި އެވެ.
މި ސަރުކާރުން ނަގަން ޖެހިފައިވާ ދަރަނީގެ ޒިންމާއަކީ މީގެ ކުރިން ފާއިތުވީ ސަރުކާރުތަކުގައި ނަގާފައިވާ ދަރަނިތަކެއްގެ ޒިންމާކަމަށާއި، ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑު ބައި ހޭދަ ވަނީ ދަރަނި ދެއްކުމަށްކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މި ދަރަނި ނުދެއްކިއްޖެނަމަ މުޅި ގައުމު ބަނގުރޫޓުވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
"ވީމާ މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ، ބާކީ މުސާރަތައްވެސް އެދެއްވަނީ އެގޮތް މިގޮތް ހޯދައިގެން،". ގާސިމް ވިދާޅުވިއެވެ.
މިދިޔަ ވެރިކަންތަކުގައި ކުންފުނިތަކުގައި ވެސް ބޮޑެތި ހިޔާނާތްތައް ހިންގާފައިވާއިރު، އެ ސަރުކާރުތަކުން މި މައްސަލަތައް ހައްލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށް ގާސިމް ވިދާޅުވީ، މި ސަރުކާރު ފެންނަނީ މުޅިން ތަފާތުކޮށްކަމަށެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ތުހުމަތުތައް އަމާޒުވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައި، މަގާމުން ދުރުކުރަމުންކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން މުޒާހަރާއިން ނިކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވެއްޓުންކަމަށް ގާސިމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ތުރާލާ ކުރިމަތިވާނެކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވަނީ ގައުމު ހަލަބޮލި ކުރުމަށް މުޒާހަރާގައި ބައިވެރިނުވުމަށް އެދިވަޑައިގެންފައެވެ. ގައުމުގެ އަމާންކަން ގެއްލޭނެ ކަންކަން ނުކުރުމަށްވެސް އެދިވަޑައިގެންފައިވެއެވެ. ގާސިމް ވިދާޅުވީ މިއީ ގައުމު އިނދަޖައްސާލުމަށް ހިންގާ މުޒާހަރާއެއްކަމަށެވެ. ދީނީ ގޮތުން ނަމަވެސް އަދި ގާނޫނީ ގޮތުން ބެލި ނަމަވެސް ކަން އޮތް ގޮތަކީ މިއީކަމަށް ފާހަގަކޮށް ގާސިމް ވަނީ ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.
ގުޅުންހުރި
ތާއީދު ހޯދަން ވަޒީފާތައް ދިނުމާއި ގާސިމް ތާއީދު: ވިދާޅުވީ ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާނަމަ ތާއީދުވެސް ބޭނުންވާނެ ކަމަށް!

ޔާމީނަށް ވެރިކަން ލިބުނީ އަޅުގަނޑުގެ ތާއީދު ލިބުމުން، ދެން "މާ ފުއްޕާކަށް" ކީތްކުރަންތޯ - ގާސިމް

އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާގައި ބައިވެރިނުވާން ގާސިމްގެ އިލްތިމާސް!





