
-
ކޮވިޑްއާ ގުޅިގެން 2020 ވަނަ އަހަރު ވަގުތީގޮތުން ބަންދުކުރުމަށްފަހު އަދި މިހާތަނަށް އޮޕަރޭޝަން ފަށާފައިނުވާ އައްޑޫ ސިޓީގެ ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވައި ޚިދުމަތްތައް ފެށުމާ ގުޅޭގޮތުން ސަރުކާރުން އެ ރިސޯޓު ހިންގާ ކުންފުންޏާއެކު ކުރި މަޝްވަރާތަކުން މި އަހަރުގެ ނިޔަލަށް ރިސޯޓު ހުޅުވައި ޚިދުމަތްތައް ފެށުމަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަކުރީ މިއަދު ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރުނު ޚާއްސަ ބަޔާނެއްގައި އެވެ. ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އަލުން އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާއަކީ 2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރިސޯޓެއް ކަަމަށާއި މިގޮތުން މި ރިސޯޓް ބަންދުކުރުމުގެ ކުރިން 500 އަށް ވުރެ ގިނަ މުވައްޒަފުން ރިސޯޓްގައި ވަޒީފާ އަދާކުރަމުން ދިޔަ ކަމަށެވެ. މި ރިސޯޓުގެ ޚިދުމަތްތައް ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމުން އެކަމާ ގުޅޭގޮތުން އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އަދި އެހެނިހެން ކަމާގުޅޭ ފަރާތްތަކާއެކު ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށް އެވުޒާރާއިން ބުނީ މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ވަނީ މި އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހު ކުރިން ރިސޯޓުގެ ހިންގުން އަލުން ފަށައި، ރިސޯޓު ހުޅުވާލުމަށް މިހާރު އެއްބަސްވެފައިވާ ކަމަށެވެ.
މި ރިސޯޓަކީ އައްޑޫ ސިޓީގެ އިޤްތިޞާދުގެ މުހިންމު ތަނބެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ދެމިއޮތް ފަތުރުވެރިކަމުގެ މުހިއްމު މަންޒިލެއް ކަމަށާއި ރިސޯޓު ހުޅުވުނު ފަހުން ވަގުތީގޮތުން ހުއްޓާލެވުނު ދުވަހާ ހަމައަށް، ޝަންގްރި-ލާ ވިލިނގިލިން އައްޑޫ ސިޓީގެ ތަރައްޤީއަށާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކަނެކްޝަންތައް އިތުރުކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާގެ އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި އާރޯކަމެއް ގެނެސްދޭނެކަމެއް ކަމަށާއި މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާ ޤައުމުގެ ހުރިހާ ސަރަޙައްދަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމަކަށް މިކަން ވެގެންދާނެ ކަމަށެވެ.
ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވުމަށް ޝަންގްރިލާގެ މެނޭޖްމަންޓާއި އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ނިންމި މުހިންމު ނިންމުން ސަރުކާރުން ބަލައިގަނެ ޝަންގްރި-ލާ ހޮޓެލްސް އެންޑް ރިސޯޓުގެ މަސައްކަތަށް ޚާއްޞަ ޝުކުރެއް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އަދާކޮށްފައެވެ.







