logoEN
Sto top
ހުކުރުގައި މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާނެ!

ހުކުރުގައި މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާނެ!

އަހުމަދު ޝުރާއު

logo

4/21/2025, 2:32:07 PM

# މ. މުލި

--

މ. މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި ހުޅުވުމުގެ ކުރީން ބާއްވާ ޓެސްޓް ފްލައިޓް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.

Wamco

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ މުލީ އެއާޕޯޓު ހުޅުވުމަށްޓައި އަންނަ ހުކުރު ދުވަހު ޓެސްޓް ފްލައިޓް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ފްލައިޓް ދަތުރު ބޭއްވުމަށް ތާވަލުކުރަމުންދަނީ އެދުވަހުގެ މެންދުރު ފަހުގެ ވަގުތަށްކަމަށެވެ.

މިގޮތުން މި އެއާޕޯޓު ހިންގާނީ ރީޖަނަލް އެއާޕޯޓްސްގެ ބެލުމުގެ ދަށުން ކަމަށާއި ޓެސްޓް ފްލައިޓް ޖެއްސުމުގެ ކުރިން، އެއަރޕޯޓުގެ އޮޕަރޭޝަނަށް މިވަގުތަށް ބޭނުންވާ މުވައްޒަފުން ނެގި ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައްވެސް ކުރިޔަށްދާކަމަށް މުބީން ވިދާޅުވިއެވެ.

މުބީން އިތުރަށް ވިދާޅުވީ އެއަރޕޯޓްގެ ސަލާމަތާ ރައްކާތެރިކަމުގެ މިންގަނޑު ކަށަވަރުކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް، އެއަރޕޯޓްގެ ފަޔަރ ސްޓޭޝަނަށް ބޭނުންވާ ވަސީލަތްތަކާއި ފަޔަރ ޓްރަކްވެސް މިހާރު އެރަށަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އެއަރޕޯޓާ ކައިރީގައި ޖަހާފައިވާ އެންޓަނާއެއްވެސް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެއާޕޯޓުގެ ހިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި، އޮޕަރޭޝަނަށް ބޭނުންވާ އިތުރު މުވައްޒަފުން ނަގާ އެމީހުންނަށް ބޭނުންވާ ފުރިހަމަ ތަމްރީންތައް ދޭނެ ކަން ފާހަގަކުރައްވައި މުބީން ވިދާޅުވީ އެއާޕޯޓަށް ރަސްމީ ދަތުރުތައް ފަށާނީ ޓެސްޓް ފްލައިޓަށްފަހު، ސިވިލް އޭވިއޭޝަނުން ބަލާ މިންގަނޑުތަކާއި އެސެސްމަންޓްތަކަށް ފަހުގައެވެ.

ސަރުކާރުން މުލީ އެއާޕޯޓު މަޝްރޫއަކީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި 221.7 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކުރި މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެ އެވެ. އޭގެ އިތުރުން 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމަކީ ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside