
އެމްއެންޔޫ ތިނަދޫ ކެމްޕަހުގައި ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށްގެންގޮސްފި
# 5 މިލިއަން ގަސް މަޝްރޫއު-
ދިވެހިރާއްޖެ ހެޔޮ ބަދަލަކަށް ގެނައުމަށް ސަރުކާރުން ފަށާފައިވާ "5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢު" ގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސްގައި ގަސް އިންދުމުގެ ޚާއްސަ ޙަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

އެންވަޔަރަމެންޓު މިނިސްޓްރިން ބުނީ މި ޙަރަކާތަކީ ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމާއި، ކެމްޕަސްގެ ވަށައިގެންވާ މާހައުލު ރީތިކުރުމަށްޓަކައި ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ.
އެގޮތުން މި ޙަރަކާތުގައި ތިނަދޫ ކެމްޕަސްގެ ދަރިވަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައި އެވެ.
މި ޙަރަކާތަކީ، ތިމާވެށި ރައްކާތެރިކުރުމަށް ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ދައުރު އަދާކުރުމާއި، ގައުމީ ފެންވަރުގައި ކުރިއަށްދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމުގެ މަގްސަދުގައި ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން ކެމްޕަސްގެ އެކި ސަރަހައްދުތަކުގައި ތަފާތު ވައްތަރުގެ ގަސްތައް ވަނީ އިންދާފައެވެ. މި ގަސްތަކަކީ ތިމާވެއްޓަށް ފައިދާހުރި، ދިގު މުއްދަތަށް ދެމިހުންނާނެ ގަސްތަކެކެވެ. މިކަމުގެ ސަބަބުން ކެމްޕަސްގެ ރީތިކަން އިތުރުވެ، ދަރިވަރުންނަށާއި މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެން ދާނެކަމަށް ޔުނިވަރސިޓީން ބުނެއެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ފަށާފައިވާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޙަރަކާތްތައް ދަނީ ހިންގަމުންނެވެ.
ގުޅުންހުރި

ރަތަފަންދޫގައި 5 މިލިއަން ގަސް މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

5 މިލިއަން ގަސް މަޝްރޫއު: ފުވަމުއްލަ ސިޓީ ކައުންސިލަށް ބައެއް ތަކެތި ހަދިޔާކޮށްފި

އިސްދޫގައި "5 މިލިއަން ގަސް" މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ޙަރަކާތެއް ބާއްވައިފި
