
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ބެޖެއް، ސްކައުޓް ދަރިވަރުންނަށް ތަޢާރަފް ކުރުމަށް މަޝްވަރާކޮށްފި
# 5 މިލިއަން ގަސް މަޝްރޫއު-
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ އޮފިޝަލުންނާއި، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނާ ދެމެދު، މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ސްކައުޓް ދަރިވަރުންގެ ތެރޭގައި ތިމާވެށި ދިރުވުމުގެ ރޫހު އާލާކޮށް، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ސްކައުޓުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ޚާއްޞަ "5 މިލިއަން ގަސް އިންދުމުގެ ބެޖް" ޕްރޮގްރާމެއް ތަޢާރަފް ކުރުމާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި، ގަސް އިންދުމުގެ މުހިންމުކަމާއި، ތިމާވެށި ރައްކާތެރިކުރުމުގައި ޒުވާނުންނަށް އަދާކުރެވޭނެ ދައުރުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ސްކައުޓް ދަރިވަރުންނަކީ ގައުމީ ޕްރޮގްރާމްތަކުގައި ފަސް ނުޖެހި ބައިވެރިވާ ބައެއް ކަމަށްވުމުން، މި ޕްރޮގްރާމް މެދުވެރިކޮށް ސްކައުޓުންނަށް ތިމާވެށީގެ ހެޔޮ ބަދަލުތައް ގެނައުމަށް ބާރުއެޅުމަކީ މުހިންމު ކަމެއް ކަމަށް ދެފަރާތުންވެސް ފާހަގަކުރިއެވެ.
މި ޕްރޮގްރާމުގެ ދަށުން، ސްކައުޓް ދަރިވަރުންނަށް ގަސް އިންދުމުގެ ހުނަރުތަކާއި، ތިމާވެށި ރައްކާތެރިކުރުމުގެ މައުލޫމާތު ދިނުމުގެ އިތުރުން، ސްކައުޓުންނަށް އަމަލީ ގޮތުން ގަސް އިންދުމުގެ ފުރުސަތުތައްވެސް ލިބިގެންދާނެއެވެ. އަދި އިންދާކޮންމެ ކުއްޖަކަށް ބެޖް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސްކައުޓް ދަރިވަރުންގެ ތަރުބިއްޔަތާއި ތަޢުލީމަށްވެސް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ދެފަރާތުންވެސް ފާހަގަކުރިއެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ވަރަށް މުހިންމު ގައުމީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސް އިންދުމުގެ ސަގާފަތެއް އާލާކުރުމެވެ. ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން މިފަދަ ބެޖް ޕްރޮގްރާމެއް ތަޢާރަފް ކުރުމަކީ، ޕްރޮގްރާމުގެ އަމާޒުތަކަށް ވާސިލްވުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށް އެޕްރޮގްރާމްގެ އޮފިޝަލުން ވިދާޅުވިއެވެ.
ގުޅުންހުރި

ގުޅީގެ ހިއްކި ސަރަހައްދު ފެހިކުރުމަށް 2,000 ގަސް އިންދުމުގެ މަޝްރޫޢެއް ފަށައިފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ބެޖެއް، ސްކައުޓް ދަރިވަރުންނަށް ތަޢާރަފް ކުރުމަށް މަޝްވަރާކޮށްފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން މިހާތަނަށް 74،000 އަށްވުރެ ގިނަ ގަސް އިންދައިފި





