
އަދުގެ ސަރުކާރުން ދަނީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން- ޝަހީމް
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
މިއަދުގެ ސަރުކާރުގެ ފަރާތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މިއަހަރުގެ ޤުރުއާން މުބާރާތް ބޭއްވިގެން މިދަނީ ދިވެހި ސަރުކާރުގެ ޚަރަދުގައި ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރެވިގެންކަމަށާއި މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ ޤުރުއާން މުބާރާތް ކުރިއަށްދާނީ ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކަމަށް ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ. މީގެ އިތުރުން ރައީސްގެ ވަޢުދާއި އެއްގޮތަށް އިމާރާތް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކީރިތި ޤުރުއާނާއި ބެހޭ ވަޤުފް އިމާރާތުގެ ބިމުގެ ރަޖިސްޓްރީ މިހާރު ވުޒާރާއަށް ލިބިފައިވާކަމަށާއި މި އިމާރާތާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ދެވިގެންދާނެކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 މުބާރާތުގެ ޤަވާއިދު އިފްތިތާޙްކޮށްފައިވެއެވެ.
މިކަމަށް އަލިއަޅުވާލައްވާ ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ޤަވާއިދުތަކަށް ބަދަލުތަކެއް ގެނެވެމުން ދަނީ މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފާއާއި އިރުޝާދާއެކު، ފުޅާކޮށް މަޝްވަރާ ކުރެވިގެންކަމަށާއި މިއީ މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ގެނެވިގެންދާ ބަދަލުތަކެއްކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރުއާނުގެ ޢިލްމު މުޅި ރާއްޖޭގައި ފެތުރުމަށް ސަރުކާރާއި އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ރިސާލަތު ފެތުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށް ފައިދާ ކުރާނެ ކަމެއްކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ބެލެނިވެރިންނާއި މުދައްރިސުންނަށްވެސް ހިއްވަރު ދެއްވާފައެވެ. އެގޮތުން ޤުރުއާނުގެ ހިދާޔަތުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށްވުރެ ވަކިން ބޮޑު މާތް މަސައްކަތެއް ނޯންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރެއެވެ. އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މުބާރާތަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާއެކު ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. މިއީ ގިނަ އަހަރުތަކެއް ފަހުން ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މި މުބާރާތް ކުރިއަށް ގެންދެވޭ އަހަރެއްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ދެގުނައަށް އިތުރު ކުރުމަށް ނިންމަވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

ފުވައްމުލަކުގައި އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމް ފެށިގެން ކުރިޔަށް!

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދިއުމަށް ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
މާފަންނު ބޮޑުގެ ބިމުގައި ތިން ފަންގިފިލާގެ މިސްކިތެއް ބިނާ ކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ





