logoEN
Sto top
ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރަން، ފޮޓޯތަކުން އެހެން ފެންނަނީ ވަކި އެންގަލްއަކުން ނަގާފައިވުމުން - ފުލުހުން

ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރަން، ފޮޓޯތަކުން އެހެން ފެންނަނީ ވަކި އެންގަލްއަކުން ނަގާފައިވުމުން - ފުލުހުން

އަހުމަދު ޝުރާއު

logo

9/18/2025, 8:14:18 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

16 ސެޕްޓެމްބަރުގައި ކުރި މުޒާހަރާގެ ތެރެއިން: ފޮޓޯ | އަނޫފް ޖުނެއިދު

މީޑީއާ ރެގިއުލޭޝަން ބިލާއި ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނާއި އާންމުން ކުރި މުޒާހަރާގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރި ކަމުގެ ތުހުމަތުތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފި އެވެ.

Wamco

ފުލުހުން އެކަން ދޮގުކޮށް ބަޔާނެއް ނެރުނީ ދާދި ދެންމެ އަކު އެވެ. އެގޮތުން ބަޔާނުގައި ފުލުހުން ބުނީ 2025 ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ ގެ ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމާއެކު، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި، އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން އެ ސަރަހައްދަށް ޑިޕްލޮއިކުރެވުނު ކަމަށެވެ.

އެގޮތުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2013/01) ގެ 24 ވަނަ މާއްދާގެ ދަށުން، ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެކަން ފާހަގަކޮށް ފުލުހުން ވަނީ މިފަދަ ހުއްދައެއް ދީފައި ނުވާތީއާއި، ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދު އެއްވުންތައް ބޭއްވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭތީއާއި، ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދަކީ ގާނޫނު ނަންބަރު 2013/01 ގެ 24 ވަނަ މާއްދާގެ (ނ) އިންވެސް އެއްވުން މަނާ ސަރަހައްދަކަށްވާތީއާއި އަދި އެ ސަރަހައްދަކީ ސްކޫލްތައްވެސް ހިމެނޭ ސަރަހައްދަކަށްވުމާއެކު، 2025 ސެޕްޓެމްބަރު 16 ވަނަ ދުވަހު ބޭއްވި އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއްގެ ގޮތުގައި ނިންމާފައި އެވެ.

ފުލުހުން ބުނީ އެސަބަބާއި ހެދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ، ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށާއި މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަމުން، އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.

މި އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަންކަން ފާހަގަކޮށް ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެފައި އެވެ.

މިގޮތުން، މުޒާހަރާ ރޫޅައިލުމުގައިވެސް އަމަލު ކުރީ މިފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަން ފާހަގަކޮށް. މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ހާލަތު ކޮންޓްރޯލް ކުރުމުގައިވެސް، ކުރިން ދެންނެވުނު ފަދަ އެއްވެސް ބާވަތެއްގެ ބާރުގެ ބޭނުމެއް ކޮށްފައިނުވާނެކަން ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަމަށާއި އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައިވެސް، ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެންކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.

"އަދި ހަމަ މިއާއެކު، ކަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯއާ ގުޅޭގޮތުން ދަންނަވަމެވެ. އެ ފޮޓޯތަކަކީ، ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުން ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެކެވެ. " ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ހިމެނޭގޮތުން، އެންމެހައި ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދީފައި އެވެ. މީގެއިތުރުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ދައުލަތުގެ މުހިންމު މުއައްސަސާތައް ހިމާޔަތްކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު، ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައި އެވެ.

ބަޔާނުގައި އިތުރަށް ބުނީ ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު 2025 ސެޕްޓެމްބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ކުރިއަށް ގެންދަމުން ދާކަމަށާއި މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC