
-
މިދިޔަ މަހު ޖަރުމަނުވިލާތުގެ މިއުނިކްގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދިވެހި ޒުވަނާ ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވީ ބ. ތުޅާދޫ ޒުވާނެއް ކަމަށްވާ ފައްޔާޒު ދާއޫދު އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރު މިއުނިކްގެ ހޮސްޕިޓަލެއްގަ އެވެ.
ފައްޔާޒުއަކީ ޖަރުމަނުވިލާތުގެ މީހަކާއި އިނދެގެން އުޅޭ މީހެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފައްޔާޒު ޖަރުމަނަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެވެ.
ރާއްޖޭގެ ނޫހެއް ކަމަށްވާ މިހާރު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފައްޔާޒުއަށް އަނިޔާވީ ތާނގީއެއް ކަފަން އުޅުމުގެ ތެރޭގައި ބުރައިގެން ދިޔަ އަލިފާންކަނިތަކެއް އެ ތަނުގައި ހުރި ކެމިކަލް ފީފާއެއްގައި ޖެހި، އަލިފާން ރޯވެގެންނެވެ. އެ ހާދިސާގައި ފައްޔާޒުގެ އަތާއި ފަޔާއި މޫނު ވަރަށް ބޮޑަށް ފިހުނު ކަމަށް ފައްޔާޒުގެ ގާތް އެކުވެރިއަކާއި ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.