
-
ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލުމަށާއި ވަޒީފާގައި އުޅޭއިރު އިސްލާމް ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ބަޔަކަށް ވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އެހިދުމަތުގެ އޮފިސަރުންނަށް އިލްތިމާސްކުރައްވައިފި އެވެ.

ސީޕީ ޒަރީރު މިފަދައިން އިލްތިމާސްކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރަމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަސްވެނިވެ، ޕްރިޒަން އޮފިސަރުންގެ ހުވާ ކުރެއްވި ހުރިހާ އޮފިސަރުންނަށް މަރުޙަބާ ދަންނަވަމުން ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، މިއީ ތަމްރީނެއްގެ ނިމުން ނޫން ކަމަށާއި މަތިވެރި ޖިހާދެއް އަދި ޤައުމީ ވާޖިބެއް އަދާކުރަން ފެށުން ކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ކަރެކްޝަނަލް އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި އިންސާފްގެ ބެލެނިވެރިންގެ ގޮތުގައި ކަމަށާއި އޮފިސަރުންނަށް މައިގަނޑުގޮތެއްގައި ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތުތަކަކީ ކަރެކްޝަންސްގެ އޮފިސްތަކާއި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ބެލެހެއްޓުމާއި ޖަލުތަކުގައި ޤައިދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލިބިގެންވާ އެންމެހާ ޙައްގުތައް ޤާއިމުކޮށް ބެލެހެއްޓުން ކަމުގައެވެ.
ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުޙިއްމުކަމަށް ޢަލިއަޅުއްވާލައްވަމުން، ކޮމިޝަނަރ އިލްތިމާސްކުރެއްވީ ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލުމަށާއި ވަޒީފާގައި އުޅޭއިރު އިސްލާމް ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ބަޔަކަށް ވުމަށެވެ. އަދި ކޯހުގައި އުގަންނާ ދެއްވި އެއްޗެހީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ޤައިދީން ރިހެބިލިޓޭޓްކުރުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.
ހަތަރު މޮޑިއުލްގެ މައްޗަށް ބިނާކޮށްފައިވާ ސެޓްފިކެޓް 01 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 01 ގެ ސަނަދު ފެންވަރަށް ފަރުމާކޮށް ތައްޔާރު ކޮށްފައިވާ ކޯހެކެވެ. ރޭ ދަސްވެނިވެފައިވަނީ މި ކޯހުގެ ފުރަތަމަ ބެޗު ފުރިހަމަ ކުރި 22 ފަރާތެކެވެ.
ގުޅުންހުރި

މާފުށީ ޖަލުގެ ޚިދުމަތަށް 27 އަހަރާއި އީއެސްޖީގެ ޚިދުމަތަށް 18 އަހަރު ފުރުން ފާހަގަކޮށްފި

ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން ދެ ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

ޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި





