
ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން ދެ ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި
# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް-
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން ދެ ތަމްރީން ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކަސްޓަމްސްގެ ހޯލްގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ކޮމިޝަންޑް އޮފިސަރުންނާއި ޖޫނިއަރ އޮފިސަރުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރުން ޢަބްދުﷲ ވަހީދު އާއި އިބްރާހިމް މަފާޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މެލޭޝިޔާ ޕްރިޒަން ޑިޕަރޓްމަންޓްއާ ގުޅިގެން ހިންގި “ފެއިތް-ބޭސްޑް ރިހެބިލިޓޭޝން ޓްރޭނިންގ ޕްރޮގްރާމް” އާއި “ވަރކިންގ ވިތް ވިމެން ޕްރިޒަނަރސް: އަ ޓީއޯޓީ” ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްދީފައެވެ.
މި ދެ ޕްރޮގްރާމްވެސް ކުރިއަށް ގޮސްފައިވަނީ 06-08 އޮކްޓޫބަރ 2025 އަށެވެ.
އެގޮތުން “ފެއިތް-ބޭސްޑް ރިހެބިލިޓޭޝަން ޓްރޭނިންގ ޕްރޮގްރާމް” ގެ ބޭނުމަކީ އިސްލާމް ދީންގެ ރިވެތި ސިފަތަކާއި އުސޫލުތައް ހިމަނައިގެން ޤައިދީންގެ ރިހެބިލިޓޭޝަން ޕްރޮގަރާމްތައް ފަރުމާ ކުރުވޭނެ ގޮތްތައް ހޯދުމެވެ. މި ތަމްރީން ޕްރޮގްރާމްގައި 37 އޮފިސަރުން ބައިވެރިވެފައިވެއެވެ.
އަދި “ވަރކިންގ ވިތް ވިމެން ޕްރިޒަނަރސް: އަ ޓީއޯޓީ” ޕްރޮގްރާމަކީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އަންހެން ޤައިދީން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ބެސްޓް-ޕްރެކްޓިސްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ އަދި ދިރިއުޅުމުގައި ނިކަމެތިކަމާއި ދަތިކަން އިޙުސާސްކުރާ އަންހެން ޤައިދީންނާމެދު ޢަމަލުކުރާނެ އެންމެ އެކަށޭނެ ގޮތްތައް ދަސްކުރުމެވެ. މި ޕްރޮގްރާމްގައި އަންހެން ޔުނިޓްގައި މަސައްކަތްކުރާ ހަތް އަންހެން އޮފިސަރުން ބައިވެރިވެފައިވެއެވެ.
“ފެއިތް-ބޭސްޑް ރިހެބިލިޓޭޝން ޓްރޭނިންގ ޕްރޮގްރާމް” ހިންގުމުގައި މެލޭޝިޔާ ޕްރިޒަން ޑިޕަރޓްމަންޓްގެ ފަރާތުން ބައިވެރިވެފައިވަނީ ސީނިއަރ އެސިސްޓަންޓް ކޮމިޝަނަރ މިސްޓަތ އަޙްމަދު ޒުލްކަރްނައިން ބިން ޢަބްދުލް ޚާލިދު، ސުޕްރިންޓެންޑެންޓް މިސްޓަރ މުޙައްމަދު ޒުލްހިމްނަން ބިން ރޮސްލާން އާއި އިސްލާމިކް ރިލިޖަސް އޮފިސަރ މިސްޓަރ މޮހްދް ޝިހާމް ބިން ރަމްލީއެވެ. އަދި “ވަރކިންގ ވިތް ވިމެން ޕްރިޒަނަރސް: އަ ޓީއޯޓީ” ޕްރޮގްރާމްގެ ހިންގުމުގައި ހަރަކާތްތެރިވެފައިވަނީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ޕްރިޒަން އެކްސްޕަރޓް މިސްޓަރ ޓޯނީ ހެސަލްއެވެ.
ގުޅުންހުރި

ކަރެކްޝަނަލް މަރުކަޒުގައި ހިންގި ދެ ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ދީފި

އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރުކުރުމަށް އިތުރު ދެ ކޯޓް ރޫމް!

މާފުށީ ޖަލުގެ ޚިދުމަތަށް 27 އަހަރާއި އީއެސްޖީގެ ޚިދުމަތަށް 18 އަހަރު ފުރުން ފާހަގަކޮށްފި





