
-
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށާއި މި އަދަދުތަކާއެކު، ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ވުމަށްޓަކައި ރާއްޖެ ކުރަމުންދާ މަސައްކަތްތަކުގައި އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އަދި މި ކާމިޔާބީއަކީ، ކޮންމެ އަހަރަކު ވެސް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ހާމަކޮށްދޭ އަދަދެއްކަން ފާހަގަކޮށް އެވުޒާރާއިން ބުނީ ދިވެހިރާއްޖޭގެ ރީތިކަމާއި، މެހެމާންދާރީއާއި، ފަތުރުވެރިންނަށް ލިބިދޭ ތަފާތު ތަޖުރިބާތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ދަނީ އިތުރުވަމުން ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުން ހާމަކުރާ ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިޔަކީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ބިނާކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް ވެސް ވަރަށް ބޮޑު ދިރުމެއް ގެނެސްދޭ ކަމެކެވެ.
މި އަހަރުގެ ނިޔަލަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި، ފަތުރުވެރިކަމާ ގުޅުންހުރި ހުރިހާ ދާއިރާތަކުން ވެސް ދަނީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ ކުރީގައި ބޭއްވުމަކީ މި ދާއިރާގެ އެންމެ ބޮޑު އަމާޒެވެ. އަދި މި މަޤްޞަދު ހާސިލްކުރުމަށްޓަކައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި ފަރުދުންގެ ބައިވެރިވުން މުހިންމު ކަމަށް ސަރުކާރުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ގުޅުންހުރި

ފަތުރުވެރިކަމުގެ ކުރިއެރުމަށްޓަކައި އުފެއްދި ރޫޓް ޑިވެލޮޕްމަންޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ ވެބިނަރ ސިލްސިލާއެއް ފެށިގެން ކުރިޔަށް!

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި





