
އެސްޓީއޯ ހުޅުމާލެ ސިޓީ ހޮޓެލް އަގުކުރީ 20 މިލިއަން ޑޮލަރަށް: އެޗްޑީސީޢަށް އެތަން ވިއްކާލީ ފޭސް 2 އިން ބިމަކަށް!
# އެސްޓީއޯ-
އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލު ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް، އެޗްޑީސީއާއެކު 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް އެއްބަސްވުމަށްފަހު، ހުޅުމާލޭ ފޭސް 2 އިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ދެ ފަރާތުން 31 އޮގަސްޓް 2025 ގައި ސޮއިކޮށްފައިވާ ކަމަށެވެ.
އަދި މި މުޢާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025 ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
އަދި މިކަން ހިއްސާދާރުންނާއި ކަމާބެހޭ ފަރާތްތަކަށް އެނގޭނެހެން އިއުލާނުކޮށްފައިމިވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ (ސީ.ޑީ.އޯ.އައި) ރެގިއުލޭޝަންގެ ދަށުންކަމަށްވެސް އެސްޓިއޯއިން ވަނީ ބުނެފައި އެވެ.
އެޗްޑީސީން މިހާރު ވަނީ މި އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމުގައިވާ މީޑިއާ ވިލެޖް ހިމެނޭ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، 'ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް' އާ ހަވާލުކޮށްފައެވެ. ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯރލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް 'މެންހަޓަން ގްރޭންޑ ހޮޓެލް' ގެ ނަމުގައި އެތަން ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކުއެވެ.
މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ 'ޑީޕް ސީފުޑް ކޮމްޕެނީ' އިންނެވެ.
ހުޅުމާލޭގައި މި ތަރައްގީކުރެވޭ މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް އަދި ގައުމިއްޔަތު އިންސްޓިޓިއުޓްގެ އިތުރުން އެމްއެންޔޫ މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެއެވެ. މިތަންތަން ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 06 މަސް ދުވަހުގެ ތެރޭގައެވެ.
އަދި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާރޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.
ގުޅުންހުރި

އެސްޓީއޯއިން ރާއްޖެއަށް އޮރެންޖު އެތެރެކޮށް ބާޒާރަށް ނެރެފި، ކިލޯއެއް 35 ރުފިޔާއަށް!

އެސްޓީއޯ ހުޅުމާލެ ސިޓީ ހޮޓެލް އަގުކުރީ 20 މިލިއަން ޑޮލަރަށް: އެޗްޑީސީޢަށް އެތަން ވިއްކާލީ ފޭސް 2 އިން ބިމަކަށް!

އެސްޓީއޯއާއި މަކިޓާގެ 25 އަހަރުގެ ގުޅުން ކުލަގަދަކޮށް ފާހަގަކޮށްފި
