
-
'އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރ 2' ގެ ނަމުގައި ބާޒާރު މަތީގައި އައު ފިހާރައެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، 15 އޮކްޓޯބަރ 2025 ން ފަށައިގެން ބާޒާރަށް ނެރެ ވިއްކަން ފެށިފައިވާ ކަމަށާއި މި ހުރިހާ ބާވަތެއް އެސްޓީއޯއިން މާލޭ ސަރައްދުގައި ގާއިމް ކުރެވިފައިވާ ދެ ފިހާރަ ކަމުގައިވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އައީ މެދުނުކެނޑި ފޯރުކޮށްދެމުން ކަމަށެވެ.
އަދި މިއަދު ބާޒާރުމަތީގައި އައު ފިހާރާއެއް ހުޅުވިގެން ގޮސްފައިވަނީ މި އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށްކަމަށް އެސްޓީއޯއިން ބުނެއެވެ. މި ފިހާރަ ހުންނާނީ ކުރީގެ އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް (މަލޭ ނޯތު ހާބަރު ގޭޓް ސަރަހައްދު) ގައެވެ.
ފިހާރަ ހުޅުވިފައި ހުންނަ ގަޑިތައް
ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ:-
- ހެނދުނު: 08:30 – 12:00 އަށް
- މެންދުރު: 13:00 – 17:00 އަށް
އެސްޓީއޯއިން ބުނީ މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުމާއި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މިތަކެތި ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.
މި ފިހާރަ ހުޅުވިގެން ދިއުމާއި އެކު، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ މި ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ހަމަ ޖެހިގެންދާނެ ކަމަށާއި މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތަށް ވިއްކޭނޭކަމުގެ ޔަގީންކަންލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
އެސްޓިއޯގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް، އެސްޓީއޯގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުން، ގްރޭޓަރ މާލޭ އޭރިއާގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓިއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިއާއިއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއި އެކު އެސްޓިއޯއިން ވިއްކާ މުދާތައް ލިބުމުގެ މަގު ފަހިވެގެންދާނެކަމަށް އެކުންފުނީން ބުނެއެވެ.
ގުޅުންހުރި

އެސްޓީއޯއިން ބާޒާރުމަތީގައި ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި

އެސްޓީއޯއާއި ހިޓާޗީގެ 25 އަހަރުވީ ގުޅުން، ކުލަގަދަކޮށް ފާހަގަކޮށްފި

އެސްޓީއޯއަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ!





