logoEN
Sto top
ފުލުހުންގެ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުން ހާސިލްކުރަން ބޭނުންވަނީ ބަދަލެއް - އިހްސާން

ފުލުހުންގެ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުން ހާސިލްކުރަން ބޭނުންވަނީ ބަދަލެއް - އިހްސާން

އަހުމަދު ޝުރާއު

logo

9/2/2025, 8:12:37 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފުލުހުންގެ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުގެ ތެރެއިން ހާސިލްކުރަން ހަމައެކަނި ބޭނުންވަނީ ފުލުހުންނަށް ފެސިލިޓީތަކެއް ނޫން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިފަދައިން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ފުލުހުންގެ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުގެ ތެރެއިން ހާސިލްކުރަން ހަމައެކަނި ބޭނުންވަނީ ފުލުހުންނަށް ފެސިލިޓީތަކެއް ނޫން ކަމަށާއި ބޭނުންވަނީ އެ ފެސިލިޓީތަކުގެ ތެރެއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ތަފާތުވެގެން ދިޔުން ކަމަށެވެ.

މުޖުތަމަޢުގެ ތެރޭގައި ހިނގަމުންދާ ކުށްތައް ނައްތާލުމާއި އަދި އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން މުޖުތަމަޢު އެއްބައިވަންތަކޮށް ޤައުމެއްގެ ގޮތުގައި އޮންނަ އޮތުން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަކީ މިއަދު ފުލުހުންނަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ވަޒީރުގެ ވާހަކައިގައި ވަނީ ސިފަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ފުލުހުންގެ އަސާސީ މަޤުސަދެއް ކަމަށްވާއިރު، ކުށުގެ ވެށްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެގޮތަށް ޚިދުމަތް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ބަދަލުވަމުން އަންނަ ދުނިޔޭގައި މިހާރު އެންމެ އާންމު ކުށްކުށުގެ ތެރޭގައި ހިމެނޭ ސައިބަރ ކްރައިމް މަދުކޮށް، އެފަދަ ކުށްކުށް ހުއްޓުވުމަށްޓަކައި ވަޞީލަތްތައް ޤާއިމުކޮށް، ތަމްރީނު ވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ، ބިނާރުތައް ޤާއިމުކޮށް، ފުލުހުން ތަމްރީނު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަަގަކުރައްވާ ވަޒީރު ވަނީ ވަސީލަތްތައް ލިބެންދެން މަޑުނުކޮށް، ކުރިއެރުމަށް އަމިއްލައަށް އިސްނަގައިގެން ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް އެކަން އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާވަނީ ދީފައެވެ. އެ ގޮތުން 20 އަހަރުން ފެށިގެންގޮސް 35 އަހަރާ ހަމައަށް ޚިދުމަތްކޮށްދީފައިވާ ފުލުހުންގެ އަގުވަޒަންކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު، މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށުނު ދުވަސް ފާހަގަކުރުމަށެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC