
ފުލުހުންގެ ޔުނިފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން: ސީޕީ ނަވީން
# ދިވެހި ފުލުހުންގެ ޙިދުމަތް-
ފުލުހުންގެ ޔުނިފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާލް ނަވީން ވިދާޅުވެއްޖެއެވެ.

40ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ޔުނިފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން ކަމަށާއި ފުލުހުންގެ ޔުނީފޯމަކީ މަސްއޫލިއްޔަތާއި ޒިންމާތަކާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމަށެވެ.
ފުލުހުންނަކީ މުޖުތަޢުގެ ބަލަދުވެރިންކަން ފާހަގަކުރައްވާ ސީޕީ ނަވީން ވިދާޅުވީ ރައްޔިތުންގެ އިޙްތިރާމް ހޯދުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނެ ކަމަށާއި، އިންސާފުވެރިކަމާއި ލޯތްބާއިއެކު ޚިދުމަތްކުރަންވާނެ ކަމަށެވެ.
އަސާސީ ތަމްރީން ކޯހުގެ ދަސްވެނިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ގްރެޖުއޭޓްވުމަކީ ދަތުރެއްގެ ނިމުން ނޫން ކަމަށާއި އެއީ ދަތުރެއްގެ ފެށުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި މަސައްކަތް ކުރަން ޖެހުނު ކަމުގައިވީނަމަވެސް ފުލުހުން ތިޔަ ތިބީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
40ވަނަ އަސާސީ ތަމްރީނު ކޯހުގައި 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުންނާއެކު ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވެއެވެ. އަދި 116 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ގުޅުންހުރި

ފުލުހުންގެ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުން ހާސިލްކުރަން ބޭނުންވަނީ ބަދަލެއް - އިހްސާން

ބ. އަތޮޅުގެ 8 ރަށެއްގައި “ވޯކް އެންޑް ޓޯކް” ހަރަކާތްތަކެއް ހިންގައިފި

ދިވެހި ފުލުހުންގެ ހިދުމަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ 150 މުވައްޒަފެއްގެ އަގު ވަޒަންކޮށްފި
