
އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު ތަޞްދީޤުކުރެއްވުމަކީ ފިކުރީ މުދާ ރައްކާތެރިކުރުމަށް އެޅިގެންދިޔަ ތާރީޚީ ފިޔަވަޅެއް - ސައީދު
# އެކޮނޮމިކް މިނިސްޓްރީ-
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު ތަޞްދީޤުކުރެއްވުމަކީ، ފިކުރީ މުދާ ރައްކާތެރިކޮށް، އީޖާދު ކުރިއެރުވުމަށްޓަކައި މުއައްސަސާތަކުގެ އޮނިގަނޑު ހަރުދަނާކުރުމަށް އެޅިގެންދިޔަ ތާރީޚީ ފިޔަވަޅެއް ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މި ތާރީޚީ ޤާނޫނުން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ޤާއިމްކުރެވި، އުފެއްދުންތެރި އެސެޓުތައް ހިމާޔަތްކޮށް، އީޖާދު ކުރިއެރުވުމާއި، ފެންވަރު ރަނގަޅު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ޤާނޫނު ނަންބަރު 2025/13، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރެއްވީ އޮގަސްޓު 21 ވަނަ ދުވަހުއެވެ.
މި ބިލަކީ، 11 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ޤާނޫނުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީސް" ގެ ނަމުގައި ސަރުކާރު އިދާރާއެއް އުފެދުނީއެވެ. މި އޮފީހުގެ ކަންކަން ބަލަހައްޓަވާނީ، އިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުންކަމުގައި ޤާނުނުގައި ބަޔާންކޮށްފައިވެއެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.
މި ޤާނޫނުގައި ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޢައްޔަނުކޮށް ވަކިކުރާނެ ގޮތާއި، ރަޖިސްޓްރާރގެ ޝަރުޠުތަކާއި، ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި، އޮފީހުގެ އިދާރީ މުވައްޒަފުންނާއި ގުޅޭ އުސޫލުތައް ތަފްސީލީ ގޮތެއްގައި ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުން، ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި، ޤާނޫނުގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުންތަކާއި ގުޅިގެން ޢަމަލުކުރާނެ ގޮތް ބަޔާންކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.
ގުޅުންހުރި

އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު ތަޞްދީޤުކުރެއްވުމަކީ ފިކުރީ މުދާ ރައްކާތެރިކުރުމަށް އެޅިގެންދިޔަ ތާރީޚީ ފިޔަވަޅެއް - ސައީދު

22 ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހި އުފެއްދުންތައް މާކެޓް ކުރުމަށް 'އިންޑަސްޓްރީ އެކްސްޕޯ 2025' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
