logoEN
PNC TOP 3
ދަރަވަންދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

ދަރަވަންދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

8/14/2025, 7:54:07 AM

# ބ. ދަރަވަންދޫ

-

ބ ދަރަވަންދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

PNC MID 2

ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބ އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ދަރަވަންދޫގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުއްވުމަށް ފަހު މަޝްރޫޢުގެ އަމަލީ މަސައްކަތް ވަޒީރު އިހްސާން ވަނީ ފައްޓަވައިދެއްވާފައެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފައްޓަވާފައިވާ މަޝްރޫޢެކެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.

މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މިވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންނެވެ.

އަތޮޅުތަކުގައި ޕޮލިސްޓޭޝަންތައް އެޅުމަށް ކުރިއަށް ގެންދާ މަޝްރޫޢަކީ 681,501,117.51 ރުފިޔާގެ މަޝްރޫޢެކެވެ.

ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްރަށުގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.

އެގޮތުން ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްތަކުގައިވެސް 2027ގެ ކުރިިން ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރެއްވުމަށް އަމާޒުހިފާފައިވާ ކަމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މީގެއިތުރުން ވަޒީރު ވަނީ، ބައެއް ރަށްރަށުގައި ކުއްޔަށް ތަންތަން ހިފައިގެން ޕޮލިސް ސްޓޭޝަންތައް މިހާރުވެސް ހިންގަމުންދާ ކަމަށާއި، އެފަދަ ރަށްރަށުގައި ސަރުކާރުން ޕޮލިސް ސްޓޭޝަންތައް ތަރައްޤީކުރައްވާނީ، މިހާރު ޕޮލިސް ސްޓޭޝަންތައް ނެތް ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC