
--
ބ ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ.މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިހާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރޭގައެވެ.

ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަކީ އެމްޓީ ހޯގާޑާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއުއެކެވެ. މިއީ 15.6 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.ކިހާދޫ ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުމެކެވެ. މިި މައްސަލައަށް ހައްލު ހޯދުމަށްޓަކައި ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 2023ވަނަ އަހަރުގެ މޭއިމަހުގެ ތެރޭގައެވެ. ކިހާދޫގައި ގިރަމުންދިޔައީ އެރަށު ބަނދަރު ހެދުމަށް ނެގި ވެލިތައް އަޅާފައިވާ ސަރަޙައްދެވެ. އެސަރަހައްދަށް ގާތްގަނޑަކަށް 30000 ކިއުބިކް މީޓަރުގެ ވެލި މީގެކުރިންވެސް އަޅާފައިވެއެވެ. ކިހާދޫ ކައުންސިލުން ވިދާޅުވީ، 600 ފޫޓުގެ ސަރަޙައްދަކަށް މި ވެލި އަޅާފައިވާކަމަށެވެ. އޭގެތެރޭގައި ފުޅާމިނުގައި 10 ފޫޓު އަދި އުސްމިނުގައި 20 ފޫޓަށް ވެލި ހުރި ސަރަޙައްދުތައްވެސް ހުރިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.