
-
މިއަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީގެ ގޮތުގައި 16 ދުވަސް ވަނީ ލިބިފައި އެވެ.
މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ކުރިޔަށްދާނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާހަމައަށެވެ. އަދި ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22ވަނަ ދުވަހާ ހަމައަށެވެ.
މިއަހަރުގެ ދިރާސީ އަހަރުގައި ނުވަދިހާ ހާހެއްހާ ދަރިވަރުން ދަނީ ތަޢުލީމް ހާސިލްކުރަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލްއެއްގައި 84000 އެއްހާ ދަރިވަރުން ކިޔަވަމުންދެއެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ދެން ރާއްޖޭގައި އަނެއްކާވެސް ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުއެވެ.