
--
ބ އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ރޭ ފެނަކައާއި ހަވާލުކުރީ ބ މާޅޮހާއި ހިތާދޫގެ އިތުރުން ދޮންފަނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. މިކަމާއި ގުޅޭ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޢަބްދުﷲ އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ.
545 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މާޅޮސް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ އަގަކީ 12.1 މިލިއަން ރުފިޔާއެވެ. މިޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރެވިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި ހިތަދޫ އަގަކީ 33.7 މިލިއަން ރުފިޔާއެވެ. މިޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ލޯންޑްރީ އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ.
545 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި ދޮންފަނު އަގަކީ 12.1 މިލިއަން ރުފިޔާއެވެ. މިޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރެވިގެންދާނެއެވެ.