
ތިމާވެއްޓާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން އޮސްޓްރޭލިއާއެކު މަޝްވަރާކޮށްފި
# ޓުއަރިޒަމް މިނިސްޓްރީ-
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހީމް، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު އެޗް.އީ. ޑޭވިޑް ޖެސަޕްއާ ބައްދަލުކުރައްވައި، އާ އުފެއްދުންތެރިކަމުގެ ހަކަތަ (ރިނިއުވަބަލް އެނަރޖީ)، ދެމެހެއްޓެނިވި ފަތުރުވެރިކަން، އަދި ތިމާވެށީގެ ބަދަލުތަކާ ކުރިމަތިލުމަށް ބޭނުންވާ ކެރިފޯރުންތެރިކަން (ކްލައިމެޓް ރެސިލިއަންސް) ފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައެވެ.
މިނިސްޓްރީބް ބުނީ މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދު މިހާރުވެސް އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ތިމާވެއްޓަށް ހެޔޮ ބަދަލުތައް ގެނައުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި އެއްބާރުލުން އިތުރުކުރުން ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޠާރިޤު އިބްރާހީމް ވަނީ، ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ތިމާވެށީގެ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ފާހަގަކުރައްވާފައެވެ. އަދި އޮސްޓްރޭލިއާއަކީ ތިމާވެށީގެ ދާއިރާއިންނާއި، އާ އުފެއްދުންތެރިކަމުގެ ހަކަތަ އުފެއްދުމުގެ ރޮނގުން ވަރަށް ކުރިއަރާފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، އެ ދާއިރާތަކުން އޮސްޓްރޭލިއާގެ އެހީތެރިކަމަށް ރާއްޖެއަށް ބޭނުންވާކަމަށް ވިދާޅުވިއެވެ.
ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕް ވިދާޅުވީ، ދިވެހިރާއްޖެއާ އެކު ތިމާވެށީގެ ދާއިރާއިންނާއި، ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިއާ ތައްޔާރަށް އޮތް ކަމަށެވެ. އަދި ހާއްސަކޮށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮސްޓްރޭލިއާއަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ދެފަރާތުންވެސް ފައިދާވާނެ ގޮތެއްގައި ގުޅުން ބަދަހިކޮށް، ކުރިމަގަށް އުންމީދު އާ ކުރުވި ބައްދަލުކުރެއްވުމެއް ކަމަށް މިނިސްޓަރު ޠާރިޤު އިބްރާހީމް ވަނީ ވިދާޅުވެފައެވެ.