
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މިފްކޯއާއިއެކު އެއްބަސްވުމެއް!
# މިފްކޯ-
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއާ ދެމެދެ ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.
އަދި މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ މި ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަޤީން ކުރެވިގެންދާނެ ކަމަށާއި މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެހެން މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ފުދުންތެރިކަން އިތުރުކުރެވި، އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދެވޭނެކަމަށްވެސް ވުޒާރާއިން ބުނެއެވެ.
އުފާވެރި، ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މިފަދަ މަސައްކަތުގެ ތެރެއިން މިފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރެވި، އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކުރުމުގެ މަގު ފަހިވެގެންދާނެކަން ފާހަގަކޮށް ވުޒާރާއިން ބުނީ މިއީ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމެއް ކަމަށެވެ.
ހަމައެހެންމެ، ކެއަރ ސޮސައިޓީއާއި އެ ވުޒާރާއާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ 'ޖޮބް ރެޑިނަސް' ޕްރޮގްރާމްއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ބާރުވެރިކުރުމަށް މި ވުޒާރާއިން ކުރިއަށް ގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގެ ފުރަތަމަ ބުރު 2024 ވަނަ އަހަރު ކުރިއަށްގެންގޮސްފައިވާއިރު، މި ޕްރޮގްރާމްގެ ދެވަނަ ބުރު މިއަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ.
ގުޅުންހުރި

މިމަހު މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށަނީ
.webp&w=3840&q=75)
ތިނަދޫ މަސް ގަންނަ މަރުކަޒު އަންނަ އަހަރުގެ ފަހުކޮޅު އޮޕަރޭޝަނަށް ގެންނަން މަސައްކަތްކުރަނީ

އޮޕަރޭޝަން ހުއްޓިފައި އޮތް އެންސިސް މަސް ކާރުޚާނާ މިފްކޯއިން ގަންނަނީ
