logoEN
Sto top
ފަރެސްމާތޮޑާ ކަޓުވާލުމަށްފަހު ފިޔޯރީ ފައިނަލުން ޖާގަހޯދައިފި

ފަރެސްމާތޮޑާ ކަޓުވާލުމަށްފަހު ފިޔޯރީ ފައިނަލުން ޖާގަހޯދައިފި

ހަސަން ޝަމްއޫން

logo

8/3/2025, 1:15:25 PM

# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025

ފިޔޯރީ އާއި ފަރެސްމާތޮޑާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގައި މިއަދު ހަވީރު ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގައި ފަރެސްމާތޮޑާއި ފިޔޯރީ ވާދަކުރި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފިޔޯރީ އިން މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

ފިޔޯރީ މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި، ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ފަރެސްމާތޮޑާ މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ފިޔޯރީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ފިޔޯރީ ކުރީގަައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ފިޔޯރީގެ ޔޫސުފް ލާއިގް އިބްރާހިމް އަދި އަހުމަދު ޝާދު ޝަހުމަތު މިއިން ކޮންމެ ކުޅުންތެރިޔަކު ދެލަނޑުކާމިޔާބުކުރިއިރު، ފަރެސްމާތޮޑާގެ ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޝަޔާން އަހުމަދު ޝުއައިބް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިޔޯރީގެ ޔޫސުފް ލާއިގް އިބްރާހިމް އެވެ.

މުބާރާތުގެ ފައިނަލުގައި މިމަހުގެ ފަސްވަނަ ދުވަހުގެ ހަވީރު 16:00 ފިޔޯރީ އިން ނުކުންނާނީ ތިނަދޫ ސިޓީ އާއި ދެކޮޅަށެވެ. އަދި މިދެޓީމު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ތިނަދޫ ސިޓީ އިންނެވެ.

26 ޖުލައި 2025 އިން 04 އޮގަސްޓް 2025 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމު ވަނީ ސެމީފައިނަލަށް ހޮވިފައެވެ.

މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ކުލަބު ދަޑެކޮޑެއަންސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.

މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި ޕްރިންޓިންގ ޕާޓްމަރަކަށް ނޯވަޓެކް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންޓަޓެއިނިންގ ޕާޓްނަރަކީ ރައްފުށު ބޮޑުބެރު ގުރޫޕެވެ. އަދި މުބާރާތުގެ ލައިވް ކަވަރޭޖް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC