
ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރައި އަރައި ހާލުގައި ޖެހުނު ތިން މީހަކު ސަލާމާތްކޮށްފި
# ތ ވޭމަންޑޫ-
ތ ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރައި އަރައިފިއެވެ.

ފުލުހުން މިއަދު ބުނީ މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި 3 މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނިފައިވާ ކަމަށާއި އަދި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރު ފެލިދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން 3 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެ މީހުން މައުލޫމާތު ދީފައިވާ ކަމަށާއި ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.