
ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ 24 މަޝްރޫޢުއެއް ފެނަކައާއި އާރްޑީސީއަށް!
# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާ-
ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ މަޝްރޫއުތަކެއް ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނީ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ 24 މަޝްރޫޢުއެއްގައި ފެނަކަ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއެކު އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން ފެނަކަ ކޯޕަރޭޝަނާއި ހަވާލްކޮށްފައިވަނީ ހއ. ރ. ކ. ތ އަދި ލ އަތޮޅުގެ ބައެއް ރަށްތަކުގެ 13 މަޝްރޫޢުއެކެވެ، އޭގެ ތެރޭގައި ހިމެނެނީ 4 އައުޓްޑޯ ޖިމް، 3 ފުޓްސަލް ދަނޑު، 2 ހޭންޑްބޯޅަ ކޯޓު، 2 އައުޓްޑޯ ވޮލީކޯޓު އަދި 2 ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.
މީގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކުރެވުނު 11 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 5 އައުޓްޑޯ ޖިމް، 3 ފުޓްބޯޅަ ދަނޑު (ސަބްބޭސް، ޓާފް، ވަށާފާރު، ފެންސް ލައިޓް ހަރުކުރުން)، 1 ހޭންޑްބޯޅަ ކޯޓު، 1 ފުޓްސަލް ދަނޑުގެ އިތުރުން ފ. ބިލެތްދޫ ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.
ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ގިނަ މަޝްރޫއުތަކެއް މީގެ ކުރީންވެސް އެދެ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު މިހާރު ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި އެވެ. އެގޮތުން ދާދި ފަހުން ނ އަތޮޅުގެ ރަށްތަކުގައި ހިންގާ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމުގެ ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައި އެވެ.