
--
ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރ އުނގޫފާރުގެ ފެށިތާ މިވީ 6 މަސްދުވަހުގެ ތެރޭގައި 300 އަށްވުރެ ގިނަ ޕާސްޕޯޓު އެރަށުން ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހު ރ.އުނގޫފާރުން ޕާސްޕޯޓު ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް އެރަށުން 346 ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށެވެ.
އަދި މި ޚިދުމަތް ކޮންމެ ހަފްތާއެއްގައި ވެސް ދަނީ ފޯރުކޮށްދެމުން ކަމަށާއި "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް، ރ. އަތޮޅުން ނަގަން ބޭނުންވާ ފަރާތްތަކުން ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ރ. އުނގޫފާރު ޚިޔާރުކުރެއްވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައި އެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. މިމަހުގެ ތެރޭގައި މަނަދޫގައި މި ހިދުމަތް ފެށިގެން ދިޔައިރު މިހާރު ޖުމްލަ 11 އަތޮޅަކަށް މި ޚިދުމަތް ފުޅާކުރެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑް ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމެވެ.
ގުޅުންހުރި

އުނގޫފާރުން މިހާތަނަށް 300 އަށްވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފި

ހުޅުމާލޭގައި ހިނގި ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އަތުލައިގެންފި

މާލޭގެ ކެފޭއެއް ބަލާފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
