
އިމިގްރޭޝަންގެ ރެއިޑެއް ހީނާމާގޭ ޕާކިންގ ސަރަހައްދަށް: 11 ބިދޭސީއަކު ހައްޔަރަށް!
# މޯލްޑިވްސް އިމިގްރޭޝަން-
އިމިގްރޭޝަނުން އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ޓާސްކް ފޯސްއިން އިއްޔެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އާންމުކޮށް އެއްވެއުޅޭ ސަރަހައްދެއް ކަމުގައިވާ ހީނާމާގެ ޕާކިންގ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަނުގައި ޖުމްލަ 19 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 11 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މީގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ މީހަކު ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ވަނީ މި މަހުގެ 9ވަނަ ދުވަހު ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައެވެ. އަދި މި ރެއިޑުގައި ޤަވާއިދާ ޚިލާފަށް ސައްހަ ވިސާއެއްނެތި އުޅެމުންދިއަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާ ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
ގުޅުންހުރި

ޕާސްޕޯޓާ ގުޅުންހުރި 3 ހިދުމަތެއް އިމުގާ ޕޯޓަލްއަށް ތައާރަފްކޮށްފި

އަންނަ މަހު އެކަކުން ފެށިގެން ފަތުރުވެރިންނަށް ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ޚިދުމަތް ލިބޭނެ!

މެދުއިރުމަތީގެ ހަނގުރާމަ: ރާއްޖޭއިން ނުފުރި ތާށިވެފައި ތިބި ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކޮށްދޭން ނިންމައިފި




