
--
އުމްރާގެ އަޅުކަމަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ ރ ފައިނަށް ނިސްބަތްވާ 42 އަހަރުގެ އަންހެނެކެވެ. އެމީހާ އުމްރާގެ އަޅުކަމަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެވެ.
ހައްޖު ކޯޕަރޭޝަންގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނިޔާވެފައިވަނީ އެކޯޕަރޭޝަންގެ ހަވާލުގައި ޖުލައި އުމްރާއަށް ދިޔަ ރ ފައިނު އުޑުވިލާ ، މަރިޔަމް ސިޔާމާ ކަމަށެވެ.
ރާއްޖޭގެ ނޫހެއް ކަމަށްވާ މިހާރު ނޫހުން ރިޕޯޓުކުރި ގޮތުގައި ސިޔާމާ ނިޔާވީ މަދީނާ އަށް ގޮސް އެނބުރި އައި މަގުމަތީގައި ގުބާ މިސްކިތުގައި ދެ ރަކުއަތުގެ ނަމާދެއް ކުރިތާ އިރުކޮޅެއް ފަހުންނެވެ. އެއީ ރާއްޖޭގެ ގަޑިން މިއަދުގެ މެންދުރު އެކެއް ޖަހާކަށްހާއިރެވެ.
މިއީ މިފަހަރު އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވި ދެވަނަ ދިވެއްސެވެ. އެގޮތުން ތައިބާ ގްރޫޕުގެ ބެލުމުގެ ދަށުން އުމްރާއަށް ގޮސް އުޅެނިކޮށް ތ ވަންދޫ އުމުރުން 70 އަހަރުގެ އިސްމާއީލް އަހުމަދު ވަނީ މިމަހުގެ 27 ވަނަ ދުވަހު ނިޔާވެފައި އެވެ.