
މޫސުން
ރާއްޖޭގެ ދެކުނުގެ ދެ އަތޮޅު, އައްޑު އަތޮޅާއި ފުވައްމުލަކަށް އޮރެންޖު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ދެ އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ މިރޭ ފަތިހު 03:30 އިން ފެށިގެން ހެނދުނު 06:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނީ އެ މުއްދަތުގައި އެ ދެ އަތޮޅަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ އިދާރާއިން ވަނީ މާލެ ހިމެނޭހެން 10 އަތޮޅަކަށްވެސް މިރޭ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރުނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރުނީ މިރޭ 04:20 އިން ފެށިގެން ހެނދުނު 09:00 އާ ހަމައަށެވެ. އަދި އެ މުއްދަތުގައި އެ ސަރަހައްދުގެ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަށް 45 މޭލަށް ވައި ގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އެ އިދާރާއިން ވަނި އިލްތިމާސްކޮށްފައެވެ.