
-
ރާއްޖެއާއި އަވަށްޓެރި ސްރީލަންކާއާއި ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އެގޮތުން ދެގައުމުގެ ދެމެދުގައި ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާގުޅޭ މުއާހަދާއަކާއި ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. ދެ އެއްބަސްވުމުގައިވެސް ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ސޮއިކުރެއްވި އިރު ލަންކާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހާރިޖީ ވަޒީރެވެ.
ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުމުގެ މުއާހަދާއިގެ ބޭނުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުންކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. މި މުއާހަދާގެ ދަށުން، އެޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި މި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ބުނެފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މުއާހަދާގެ ދަށުން މައްސަލަ ތަޙުޤީޤުކުރުމުގައާއި ޝަރީޢަތް ހިންގުމުގައާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގަ އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެޤައުމެއްގަ ޤާއިމްކޮށްފަވާ ސެންޓްރަލް އޮތޯރިޓީއިން ކަމަށް ބަޔާންކޮށްފައިވެއެވެ.
ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫ އެކުލަވާލާފައިވަނީ ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓްއާއި ސްރީލަންކާގެ ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް އާ ދެމެދުގައެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ޑިޕްލޮމެޓަށް އެހީތެރިވެދިނުމުގެ ގޮތުން ޚާރިޖީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ ހުނަރުތަކެއް ލިބިފައިވާ ރަނގަޅު ޑިޕްލޮމެޓުންނަށް ވާންޖެހޭކަމަށާއި އެހެންކަމުން އެފަދަ ޕްރޮފެޝަނަލް ސަރވިސް އެއް ކުރިއެރުވުމަށް މުވައްޒަފުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނާއި ހުނަރާއި ތަޖުރިބާ، ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް މެދުވެރިކޮށް ފޯރުކޮށްދެމުންދާކަމަށެވެ.
ގުޅުންހުރި

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގުކުރަނީ

މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތަކެއް ދެވޭނެހެން ގާނޫނު އެކުލަވާލުމަށް ދިރާސާކުރަން ރައީސް އަންގަވައިފި

ޞާބިރު އަވަހާރަވުމާ ގުޅިގެން، ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސް ނިންމަވައިފި
