
ސޯޝަލް މީޑިއާގައި ރައީސް މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގުކުރަނީ
# ރައީސް މުއިއްޒު-
ސޯޝަލް މީޑިއާގައި ރައީސް މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހުރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
އެ އިންޒާރު ދީފައިވަނީ، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރަން ރައީސް އެންގެވުމާ ގުޅޭ ހަބަރަކާ ގުޅިގެން އާންމު މީހަކު ކުރި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުއިއްޒުއަށް މި އިންޒާރު ދީފައިވަނީ ފޭސްބުކްގައި "މަސީޙް މޫސާ"ގެ ނަމުގައި ބޭނުންކުރާ އެކައުންޓަކުންނެވެ. އެ ކޮމެންޓު ކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ.






