
މާވަށު ޒުވާނަކަށް ހަމަލާދީ މަރާލުން: ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ހައްޔަރަށް!
# ދިވެހި ފުލުހުންގެ ޙިދުމަތް--
ލ މާވަށުގައި މިއަދު ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޒުވާނާއަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި އެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން މިއަދު އެންމެ ފުރަތަމަ މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ލ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު 10:12 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށާއި މަރުވެފައިވަނީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުގެ މި މާރާމާރީއަކީ ދެމީހެއްގެ މެދުގައި ހިނގާފައިވާ މާރާމާރީއެއްކަން އެނގިފައިވާ ކަމަށާއި މި މައްސަލައިގެ ތުހުމަތުގައި ހދ ނޮޅިވަރަންފަރު އަސަރީ މަންޒިލް އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމަކޮށްފައި ނުވި ނަމަވެސް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކުށަށް އިއުތިރާފްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ޚާއްސަ ޓީމެއް މިހާރު އަންނަނީ މާވަށުގައި ހަރާކްތެރިވަމުންނެވެ.