
-
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުވުމަށް އެއްވެސް ބަޔަކަށް ހީނަރުކަން ނުގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރުނބާ މޯލްޑިވްސްގައި ބޮޑުވަޒީރު މޯދީގެ ޝަރަފުގައިމިރޭ ބޭއްވެވި ފުރަމަނާ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މިއަހަރަށް 60 އަހަރު ވީނަމަވެސް، އޭގެ މާކުރީއްސުރެ ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުންތައް ޤާއިމްވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން ވިޔަފާރިއާއި، ސަޤާފީ އެހެނިހެން ކަންކަމުގެ ތެރެއިން ދެގައުމުގެ ދެމެދުގައި ބަދަހި ގުޅުމެއް އުފެދިފައިވާކަމަށެވެ. އަދި ދެ ޤައުމު ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަން ގެނެވޭނެ އެއްވެސް ބަޔަކު ނެތްކަމަަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި އަބަދުވެސް މުހިންމު ބައިވެރިއެއްކަމަށާއި، ސަލާމަތާއި ރައްކާތެރިކަމުގެ ދައިރާއާއި، ސިއްޙީ ދާއިރާއާއި ވިޔަފާރި އަދި ތަޢުލީމީ ދާއިރާގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން އެ ގުޅުން ބަދަހިވަމުން އަންނަކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނި، އެންމެން ޝާމިލްވާ އަދި ޒުވާނުން ބަރުވެރިކުރާ އިޤްތިޞާދެއް ބިނާކުރުންކަމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމުގައި އިންޑިއާއަކީ މުހިއްމު ދައުރެއް އަދާކުރެވޭނެ ޤައުމެއްކަމަށެވެ.
މިރޭ ބޭއްވި ޚާއްސަ ޖާފަތުގައި ރައީސް މުއިއްޒުގެ ދެކަނބަލުންގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި މުވައްސަސާތަކުގެ އިސްވެރީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބޮޑުވަޒީރު މޯދީގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އިސް ވަޒީރުންވެސް މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ގުޅުންހުރި

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގުކުރަނީ

މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތަކެއް ދެވޭނެހެން ގާނޫނު އެކުލަވާލުމަށް ދިރާސާކުރަން ރައީސް އަންގަވައިފި

ޞާބިރު އަވަހާރަވުމާ ގުޅިގެން، ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސް ނިންމަވައިފި
