
--
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ބާއްވާ ހަރަކާތްތަކާއި ގުޅިގެން ޖުލައި 26 ގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލެ ސަރަޙައްދުގައިބޭއްވުމަށް ސަރުކާރުން ނިންމާފައިވާތީ މި ހަރަކާތްތައް ކުލަގަދަގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން މާދަމާގެ މެންދުރު 13:00 އިން ފެށިގެން އިރުއޮއްސި 18:00 ގެ ނިޔަލަށް ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު މާލޭގައި ދުއްވުން ވަނީ މަނާކޮށްފައި އެވެ.
އަދި މިނިވަން ދުވަސްކަމަށްވާ ޖުލައި 26 ވަނަ ދުވަހުގެ 15:00 އިން ފެށިގެން އިރުއޮއްސި 18:30 ގެ ނިޔަލަށް މާލޭގެ މަގުތަކުގައި ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައި އެވެ.
މީގެ އިތުރުން ޖުލައި 27 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އިން އެރޭ 00:00 ގެ ނިޔަލަށް މާލޭގައި ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައި އެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ވަކި އުޅަނދުތަކެއް ފިޔަވައި އެހެނިހެން އުޅަނދު މާލޭގެ މަގުތަކުގައި ކަނޑައަޅާފައިވާ ވަގުތުތަކުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ވަނީ ކަނޑައަޅާފައި އެވެ. އެގޮތުން އެވަގުތު ތަކުގައި ދުއްވުމުގެ ހުއްދަ ދީފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލާންސްގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް އެކަންޏެވެ.
މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެކަންވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައި އެވެ.
ގުޅުންހުރި

"މިނިވަން 60" ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ޚަރަދުކޮށްފައި ވާނީ ޖުމްލަ 4.1 މިލިއަން ރުފިޔާ - ހީނާ

މިނިވަން ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ!

މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ: ފުޅަނދުބުރާއި ހެވިކަމުގެ ކުޅިވަރުތައްވެސް އޮންނާނެ!




