
--
ނ. ހޮޅުދޫގައި ހުންނަ މޭނާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހޮޅުދޫއަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މޭނާ ސްކޫލުގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެގޮތުން މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައުދީއެވެ.
މޭނާ ސްކޫލުގެ އައު އިމާރާތަކީ 4 ބުރިއަށް ތަރައްޤީކުރާ އިމާރާތެކެވެ. އެގޮތުން ތައުލީމީ ވުޒާރާއިން ބުނާ ގޮތުގައި މި އިމާރާތްވެގެންދާނީ، ސްކޫލުގެ ކިޔެވުން އެއް ކެމްޕަހަކަށް ބަދަލުވުމަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ތަރައްޤީކުރާ އިމާރާތަކަށެވެ.
މިހާރު ހޮޅުދޫ މޭނާ ސްކޫލުގެ ކިޔެވުން ކުރިޔަށްދަނީ ދެ އިމާރާތެއްގައި އެވެ.
މިރޭ އެމްޓީސީސީއާއި ހަވާލުކުރި އައު އިމާރާތަކީ 17 ކްލާސްރޫމާއިއެކު، އޮފީސް، އިދާރީ މަސައްކަތަށް ބޭނުންވާ ޖާގައާއި ލައިބްރަރީ، ކޮމްޕިއުޓަރ ލެބް، އޭ-ވީ ރޫމް، ލެބޯޓްރީ އަދި ނަމާދު ކޮޓަރިވެސް ހިމެނޭނެ އިމާރާތެކެވެ. މީގެއިތުރުން ކުޅިވަރުކުރުމަށް ފުޓްބޯލް ޕިޗެއްވެސް މި އިމާރާތް ނިމިގެންދާއިރު ތަރައްޤީކުރާނެ އެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 480 ދުވަހުން ނިންމާގޮތަށް، 36.6 މިލިޔަން ރުފިޔާއަށެވެ.