.jpeg&w=3840&q=75)
އާރްޓީއެލްގެ ހިދުމަތަށް ތަރައްޤީކުރި 12 ފެރީ ސްޓޮޕާއި 6 ޓާމިނަލް ކައުންސިލްތަކާއި ހަވާލުކޮށްފި
# އެމްޓީސީސީ--
ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ، އާރްޓީއެލްގެ ފެރީ ޚިދުމަތުގައި ހިމެނޭ 12 ފެރީ ސްޓޮޕަކާއި 6 ޓާމިނަލެއް ފެރީ ސްޓޮޕްތަކާއި ފެރީ ޓާމިނަލްތައް ނިސްބަތްވާ ރަށު ކައުންސިލްތަކާ ހަވާލުކޮށްފި އެވެ.

އާރްޓީއެލް ހިންގާ އެމްޓީސީސީން މިއަދު ވަނީ މި ފެރީ ސްޓޮޕްތަކާއި ފެރީ ޓާމިނަލްތައް ކައުންސިލްތަކާއި ހަވާލުކުރި ކަމަށާއި ހަވާލުކުރި ތާރީހުތައް ހާމަކޮށްފައި އެވެ. އެގޮތުން ހދ ހަނިމާދޫގެ ފެރީ ޓާމިނަލް އާއި ހދ ފިނޭ އަދި ހއ މުރައިދޫގެ ފެރީ ސްޓޮޕްތައް ކައުންސިލްތަކާއި ހަވާލުކުރީ މެއި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި ހއ ހޯރަފުއްޓާއި އިހަވަންދޫގެ ފެރީ ޓާމިނަލް އަދި މޮޅަދޫ ، މާރެންދޫ ، ތުރާކުނު އަދި އުލިގަމުގެ ފެރީ ސްޓޮޕްތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހު އެވެ.
މީގެ އިތުރުން ށ ބިލެއްފަހި އާއި ފޮނަދޫގެ ފެރީ ޓާމިނަލާއި ށ ފޭދޫއާއި ކޮމަންޑޫގެ ފެރީ ސްޓޮޕްތައް މެއި މަހުގެ 18 ވަނަ ދުވަހު ކައުންސިލްތަކާއި ހަވާލުކުރި އިރު ހދ ވައިކަރަދޫ އާއި ކުމުންދޫގެ އިތުރުން ށ ގޮއިދޫގެ ފެރީ ސްޓޮޕްތައް ކައުންސިލްތަކާއި ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގައި އެވެ.
ހއ ދިއްދޫ ފެރީ ޓާމިނަލާއި އެއަތޮޅު ބާރަށުގެ ފެރީ ސްޓޮޕް ކައުންސިލްތަކާއި ހަވާލުކުރީ މިމަހުގެ 8 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ މި ފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް ބެލެހެއްޓުމުގެ ޒިންމާ ދެން އަދާކުރާނީ އެ ރަށެއްގެ ކައުންސިލުންކަމަށެވެ.
މި ފެރީ ސްޓޮޕްތަކާއި ޓާމިނަލްތައް އެމްޓީސީސީން އިމާރާތްކޮށްދީފައި ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންގެ ލުއިފަސޭހައަށްޓަކައި ކަމަށާއި އެގޮތުން ދަތުރަށް ތައްޔާރުވެގެން ވަޑައިގަންނަވާ ދަތުރުވެރީންނަށް މަޑުކޮށްލައްވައިގެން ތިއްބެވޭނެ އިންތިޒާމު މި ފެރީ ސްޓޮޕްތަކާއި ފެރީ ޓާމިނަލްތަކުގައި ހަމަޖެހިފައި ހުންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައި އެވެ.