
-
ބޭސްލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ޞިއްޙީ ނިޒާމަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުތެރެއިން މެޑިސިންގ އިމްޕޯޓާރސް ފޯރަމް ބާއްވައިފިއެވެ.

މި ފޯރަމްގެ މަޤްސަދަކީ ދިވެހިރާއްޖެއަށް ބޭސް ލިބުމުގައި ހުރި ދަތިތައް ދެނެގަނެ މިކަން ޙައްލު ކުރުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ އިދާރާތައް އަދި ބޭހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމެވެ.
މިފޯރައަކީ މިނިސްޓަރ އޮފް ހެލްތު އަބްދުއްﷲ ނާޘިމް އިބްރާހިމްގެ އިސް ނެގުވުމުގެ ދަށުން މޯލްޑިވްސް ފުޑް އެން ޑްރަގް އޮތޯރިޓީން ބޭއްވި ފޯރަމެކެވެ.
މިފޯރަމްގައި ބޭސް އިމްޕޯޓަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ 22 ކުންފުންޏަކުން 44 ފަރާތް ބައިވެރިވިއެވެ. އަދި މީގެއިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ފޯރަމްގައި ދިވެހިރާއްޖެއަށް ބޭސް ލިބުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި މިހާރު ހެދިފައިވާ ޤަވާއިދު ތަކާއި އުސޫލުތަކުގެ ތެރެއިން ބޭސް އެތެރެކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވި ދިމާވާ ގިނަ މައްސަލަތައް ހައްލުކުރެވިގެންދާނެއެވެ .