ކާވާ ޗެންޕިއަންސް ލީގު: އެޗްޑީސީ އަތުން މޮޅުވެ ލީގުބުރުގެ ފަސްވަނަ ޑީއެސްސީއަށް
# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025ޑީއެސްސީ އާއި އެޗްޑީސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި މިއަދު ހަވީރު ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ޑީއެސްސީ އިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ކުޅުނު ފަހު ދެމެޗުގެ ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އަތުން ވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ.
މީގެ އިތުރުން މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން 3-2 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އަތުން އެޓީމު ބަލިވި ސީދާ ތިން ސެޓުންނެވެ. އަދި ލީގުބުރުގެ ތިންވަނަ މެޗުގައި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވިއިރު، ހަތަރުވަން މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް އަތުން އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް 22-25 ގެ ނަތީޖާއަކުން ޑީއެސްސީ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް 23-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޗްޑީސީ އިންނެވެ. އަދި ތިންވަނަ ސެޓް 19-25 ގެ ނަތީޖާއަކުން ޑީއެސްސީ އިން ކާމިޔާބުކުރިއިރު، ހަތަރުވަނަ ސެޓް 19-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޗްޑީސީ އިންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 ޕޮއިންޓްގެ ފަސްވަނަ ސެޓް 16-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ވަނީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ.
މިނަތީޖާއެކު މުބާރާތުގައި ޑީއެސްސީ ކުޅުނު ފަސް މެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ލީގުބުރު ނިންމާލީ ގުރޫޕްގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެޗްޑީސީ އިން ލީގުބުރު ނިންމާލީ ކުޅުނު ފަސް މެޗުން ވެސް ބަލިވެ، އެއްޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮވެއެވެ.
17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.