ކާވާ ޗެންޕިއަންސް ލީގު 2025: މުބާރާތުގައި އެޗްޑީސީ ކުޅުނު ހަތަރުވަނަ މެޗުން ވެސް އެޓީމު ބަލިވެއްޖެ
# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025އެޗްޑީސީ އާއި ލަންކާ ޓީމު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި މިރޭ ކުޅުނު މެޗުގައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ލަންކާ ޓީމުން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ލަންކާ ޕޯޓްސް އޮތޯރެޓީ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުގައި ކަޒަކިސްތާންގެ ޒައިކް ވީސީ އަދި ކިރްގިސްތާނުގެ ބިޝްކެކް އަތުން ވެސް އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި ލަންކާ ޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކޮށްފައެވެ.
މުބާރާތުގައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުން ލަންކާ ޓީމު ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ލަންކާ ޓީމުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުޖުރީ 10 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 15-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ސްރީލަންކާ ޕޯޓްސް އޮތޯރެޓީ މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި އެޗްޑީސީ ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.