ކާވާ ޗެންޕިއަންސް ލީގު 2025: ކަޒަކިސްތާން އަތުން މޮޅުވި ނަމަވެސް ނޭޕާލް ފައިނަލުގެ ފުރުސަތު ހަނިވެއްޖެ
# ކާވާ މެންސް ޗެންޕިއަންސް ލީގު 2025# ދިވެހި ކުޅިވަރުހެލްޕް ނޭޕާލް އެސްސީ އާއި ޒައިކް ވާދަކުރި މެޗުގެ ތެރެެއިން..ފޮޓޯ: ހާފު ސްޕޯޓްސް
މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި މިއަދު މެންދުރު ކުޅުނު މެޗުގައި ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބުން ފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު، ނޭޕާލް ޓީމަށް ފައިނަލުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.

މުބާރާތުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަތުން މޮޅިވިއިރު، ދެވަނަ މެޗުގައި ހައުސިން ޑިވޮލަޕްމަންޑް ކޯޕަރޭޝަން (އެޗްޑީސީ) އަތުން އެޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.ނަމަވެސް ތިންވަނަ މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް އަތުން 3-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މުބާރާތުގައި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވިއިރު، ޑީއެސްސީ އަދި އެޗްޑީސީ އާއި ދެކޮޅަށަ ކުޅުނު ދެމެޗު ވެސް އެޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުންނެވެ. ނަމަވެސް ޖެހިގެންއައި ދެ ސެޓް 18-25 އަދި 23-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބުންނެވެ.
މެޗުގެ ހަތަރުވަނަ ސެޓް 18-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނޭޕާލް ޓީމުން ނަތީޖާ އެއްވަރުކުރިއިރު، މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 ޕޮއިންޓްގެ ފަސްވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 11-15 ގެ ނަތީޖާއަކުންނެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ނޭޕާލް ޓީމަށް އަށް ޕޮއިންޓް ލިބިފައިވާއިރު، އެއްމެޗު މަދުން ކުޅެ ކިރްގިސްތާނު ޓީމަށް ވެސް ވަނީ އަށް ޕޮއިންޓް ލިބިފައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށް ޒައިކުން ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.