
އުތުރާއި މެދުރާއްޖެތެރެއަށް މިރޭ ހުދު ސަމާލު: ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ!
# މޫސުމާއިބެހޭ ގައުމީ އިދާރާ--
ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރާއި މެދު ރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅާއި ހަމައަށް ފަތިހު 03:00 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މިއަދުގެ ގިނަ ވަގުތުތަކުގައި އެސަރަހައްދަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލުވެސް ނެރެފަައިވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުދަ ދުވަހު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ޖުލައި 17 އިން ފެށިގެން ކުރިޔަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގުމުސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެެގޮތުން ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ޚާއްސަކޮށް ކަނޑުއޮޅިތަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އޭގެ އިތުރުން ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.