
ކުޑަހުވަދޫ ކައުންސިޅާއި އާރްސީސީ ގުޅިގެން ހިންގާ "މާވޭރު" ހައުސިންގ ޕްރޮޖެކްޓުގެ ބިންގާ އަޅައިފި
# ދ. ކުޑަހުވަދޫ# އާރްސީސީ-
ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުނި، އާރުސީސީއިން ރާއްޖޭގެ މީހުންދިރިއުޅޭ ރަށެއްގައި ފުރަތަމަ ފަހަަރަށް ފްލެޓް އަޅައިގެން ފްލެޓް ވިއްކާގޮތަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ކުޑަހުވަދޫ މާވޭރު ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅައިފި އެވެ.

އިއްޔެ ކުޑަހުވަދޫގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އާރްސީސީއާއި ދާލު ކުޑަހުވަދޫ ކައުންސިލާއި ގުޅިގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން ތަރައްޤީކުރާ 160 އެޕާޓްމަންޓުގެ ތެރެއިން ފުރަތަމަ 80 އެޕާޓްމަންޓް ހިމެނޭ ޓަވަރުގެ ބިންގާ ވަނީ އަޅާފައި އެވެ. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ފިޔަވައި ޕްރައިވެޓް ސެކްޓަރއިން އަތޮޅުތެރޭ މިފަދަ ހައުސިންގ މަޝްރޫއެއް ކުރިއަށްގެންދާ މީއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށާއި އެކި ފަންތީގެ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ތަފާތު މަޝްރޫތައް ސަރުކާރުން ހިންގަމުންދާއިރު، ކޮންމެ ރަށެއްގެ ބަޔަކުވެސް މަސައްކަތް ކުރަންވާނީ ފުއްދުންތެރި ބަޔަކަށް ވުމައްކަމަށެވެ.
މިގޮތުން ކުޑަހުވަދޫއަކީ އޭގެ މިސާލެއްކަން ކަމަށާއި ކޮންމެ ރަށެއްގެވެސް އަމާޒަކަށް ވާންވާނީ ފުދުންތެރި ރަށަކަށް ވުމަށްކަމަށެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އާރްސީސީގެ ޗެއާރމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ މި މަޝްރޫއުގެ ބިންގާ އެޅިގެން ދިޔުމަކީ ކުޑަހުވަދޫއަށްވެސް އަދި އާރްސީސީއަށްވެސް ވަރަށް ތާރީޚީ ކަމެއް ކަމަށެވެ. އެގޮތުން ކުޑަހުވަދޫއަކީ ތަރައްޤީކުރަން މުހިންމުރަށެއްކަމަށާއި ސަބަބަކީ އެރަށަކީ ސަރުކާރުން އާރބަން ސެންޓަރެއްގެ ގޮތުގައިވެސް ތަރައްޤީކުރަން ނިންމާފައިވާ ރަށެއްކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
މި ބިޔަ މަޝްރޫއުގެ ދަށުން އާރުސީސީން ކުޑަހުވަދޫގައި ހެދުމަށް ހަމަޖެހިފައި ވަނީ ދެ ބްލޮކް އެކުލެވޭ ތިން ކޮޓަރީގެ 160 އެޕާޓްމެންޓެވެ. ކޮންމެ ބްލޮކެއްގައި 80 އެޕާޓްމެންޓެވެ. މި ފްލެޓްތަކަކީ ބޭންކް މެދުވެރިކޮށް ގަނެވޭނެ ފްލެޓްގެ ތަކެކެވެ. މީގެ ފެލެޓެއްގެ އަގަކީ 1.5 މިލިޔަން ރުފިޔާއެވެ. މި އިމާރާތްތައް ފަރުމާކޮށްފައި ވަނީ ކޮންމެ ފްލެޓެއްގައި ދެ ލިފްޓު ހަރުކުރާ ގޮތަށެވެ.