logoEN
Sto top
ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައިފި: ޓްރަޔަލް ކާމިޔާބު!

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައިފި: ޓްރަޔަލް ކާމިޔާބު!

އަހުމަދު ޝުރާއު

logo

7/13/2025, 6:33:46 PM

# އެމްއޭސީއެލް

-

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި އެވެ.

Wamco

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލްއެކެވެ. މިއަދުގެ ޓްރަޔަލް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ. މި ޓްރަޔަލް ކުރިއަށްދިޔަ ގޮތް ގާތުން ބައްލަވާލެއްވުމަށް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޓްރަޔަލްއަށްފަހު ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވީ, މިއަދަކީ އެމްއޭސީއެލް އާއި ރާއްޖޭގައި ހަޔާތުގައި މުހިންމު އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށް އުފާވެރިކަމެއް ލިބިގެންދާނެ ދުވަހެއް ކަމަށެވެ. އެގޮތުން މިއަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަސެންޖާ ބޯޑިން ބްރިޖަކުން ފަސިންޖަރުން ޓާމިނަލަށް ބޭލޭނެ ގޮތް ކަށަވަރު ކުރި ދުވަސް ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލުން ބުނީ ދިވެހިރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ އެއާބަސް އޭ330ގެ މަތިންދާބޯޓަކާއި އޭ320ގެ މަތިންދާބޯޓެއް ބޭނުންކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޓްރަޔަލްގައި އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ 12 އޭރޯ ބްރިޖުގެ ތެރެއިން ދެ ބްރިޖެއް ބޭނުންކުރި އެވެ.

އޭގެ އިތުރުން އާ ޓާމިނަލް އާއެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިންގ ސިސްޓަމް (އޭވީޑީޖީއެސް) ވެސް ވަނީ ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފަ އެވެ. މިއީ ދުބާއީ, ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ބޭނުންކުރާ, ދުނިޔޭގެ އެންމެ އެޑްވާންސް މި ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.

މަތިންދާބޯޓުން ފައިބައިގެން ޓާމިނަލަށް ދާން މިހާރު އޮންނަ ހަމަ އެކަނި ގޮތަކީ ބަހަކަށް އެރުން ނުވަތަ ހިނގާފައި ދިއުމެވެ. އެކަމުގެ ސަބަބުން ފަސިންޖަރުންނަށް އެތައް ތަކުލީފެއް އުފުލަންޖެހި, ވަގުތު ބޭކާރުވެ އެވެ. ވަގުތުގެ ގޮތުން ބަލާ ނަމަ މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރަން މިހާރު ގާތްގަނޑަކަށް 28 މިނެޓާއި 35 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަވާކަމަށް އެމްއޭސީއެލުން ބުނެއެވެ.

އައު ޓާމިނަލްއައިއެކު ބޭނުންކުރާ ޕަސެންޖާ ބޯޑިން ބްރިޖާއިއާއެކު މަތިންދާބޯޓުން ފައިބައިގެން ފަސިންޖަރުންނަށް ސީދާ ޓާމިނަލަށް ވަދެވޭނެ އެވެ. މިކަމުގެ ސަބަބުން ފަސިންޖަރުން އުފުލަންޖެހޭ ދަތިތަށް ކުޑަ ކުރެވި, ވަގުތު ސަލާމަތް ކުރެވި, ރައްކާތެރިކަން ކަށަވަރު ކުރެވޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން އިތުރަށް ބުނީ ވަގުތުގެ ގޮތުން ބަލާ ނަމަ ޕީބީބީ އާއެކު މަތިންދާބޯޓަކުން ފަސިންޖަރުން ހުސްކުރުމަށް ނަގާނީ އަށް ވަރަކަށް މިނެޓު ކަމަށާއި މިކަމުގެ ސަބަބުން މަތިންދާބޯޓު ފުރުވާލުން އަވަސްވެ, އިތުރު މަތިންދާބޯޓަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މަތިންދާބޯޓެއް ޖެއްސުމުން, އެ މަތިންދާބޯޓުގެ ޕައިލެޓަށް, ޓެކްސީ ވޭއިން އެއާޕޯޓް އޭޕްރަން އަށް އައިސް ޕާކު ކުރުމަށް މިހާރު އިރުޝާދު ދެމުން އަންނަނީ އެކަމަށް ތަމްރީނު ކޮށްފައިވާ މާޝަލްސްއެވެ. ނަމަވެސް ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައި މާޝަލް އަށާއި ޕައިލެޓަށް ދަތިތަކެއް ކުރިމަތިވެއެވެ. ނަމަވެސް އައު ޓާމިނަލްގައި ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ސިސްޓަމް، އޭވީޑީޖީ ސިސްޓަމާއެކު މުވައްޒަފުންނާއި މަތިންދާބޯޓުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. މިގޮތުން މި ސިސްޓަމުގައި ބޭނުންކުރާ އިލެކްޓްރޯނިކް ޑިސްޕްލޭގެ ސަބަބުން ވައި ނުސާފު ނުވަތަ ވިއްސާރަ ދުވަސްތަކުގައިވެސް ޕައިލެޓަށް ފަސޭހައިން މަތިންދާބޯޓު ޕާކު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށާއި މި ސިސްޓަމަކީ އޮބްސްޓަކަލް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside