
-
ސަރުކާރުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ 10 މަޝްރޫއެއްގެ އަމަލީ މަސައްކަތް އެކުންފުނީން ފަށައިފި އެވެ.

ފެނަކައިން މިއަދު ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓު ޕްރޮގްރާމް، ޕީއެސްއައިޕީ ގެ ދަށުންނާއި އަދި ރާއްޖޭގެ ރަށްތަކުގެ ފެނާއި ނަރުދަމާ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެ ކުންފުނީން އެކި އެކި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި 10 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިގޮތުން ޕޮލިސް ޕޯސްޓު ގާއިމްކުރުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ 3 މަޝްރޫއަކާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވާ 7 މަޝްރޫއެއް ހިމެނެއެވެ.
ފެނަކައާއި ހަވާލުކޮށްފައިވާ ރ ވާދޫގެ ޕޮލިސް ޕޯސްޓުގެ އިމާރާތުގެ އަމަލި މަސައްކަތް އެކުންފުނީން ވަނީ މިމަހުގެ 5 ވަނަ ދުވަހު ފަށާފައި އެވެ. އެގޮތުން މިހާރު އެމަޝްރޫއުގެ ދަށުން ސައިޓް ސެޓްކުރުމާއި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ފެނަކައިން ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.
މީގެ އިތުރުން ށ ނޫމަރާގެ ޕޮލިސް ޕޯސްޓުގެ އިމާރާތުގެ މަސައްކަތް މިމަހުގެ 7 ވަނަ ދުވަހު ފަށާފައިވާއިރު އެރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ ގާއިމްކުރުމުގެ މަސައްކަތް މިދިޔަ މަހުގެ 26 ވަނަ ދުވަހު އެކުންފުނިން ވަނީ ފަށާފައި އެވެ. ނޫމަރާ ޕޮލިސް ޕޯސްޓުގެ ސައިޓު ސެޓްކުރުމާއި ފައުންޑޭޝަން އެޅުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާއިރު ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގައިގެ ސައިޓު ސާފުކުރުމާއި ޕްލާސްޓަރިންތައް މަރާމާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ދެމަޝްރޫއުގެ ތެރެއިން ޕޮލިސް ޕޯސްޓުގެ މަސައްކަތްވެސް އަންނަ ޖެނުއަރީ މަހަށް ނިންމާލެވޭނެ ކަމަށް ފެނަކައިން ލަފާކޮށްފައިވާއިރު ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ފެނަކައާއި ހަވާލުކޮށްފައިވާ ށ ގޮއިދޫ ޕޮލިސް ޕޯސްޓުގެ އިމާރާތުގެ އަމަލި މަސައްކަތް އެކުންފުނީން ވަނީ މިމަހުގެ 8 ވަނަ ދުވަހު ފަށާފައި އެވެ. އެގޮތުން މިހާރު އެމަޝްރޫއުގެ ދަށުން ސައިޓް އެއްކޮށް ހުސްކޮށްފައިވާއިރު ސައިޓު ސެޓުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ފެނަކައިން ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.
މަޑިފުށީގެ ފެނާއި ނަރުދަމާ ވިއުގައިގެ މަސައްކަތް މިދިޔަ މަހުގެ 24 ގައި އެކުންފުނީން ފަށާފައިވާއިރު މި މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހަށެވެ. އެގޮތުން މި މަޝްރޫއުގެ އާރްއޯ ޕްލާންޓުގެ ޓޭންކު ބެޑުގެ ފައުންޑޭޝަން އެޅުމާއި ޓޭންކް ބެޑް ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު އެކުންފުނީން ދަނީ ކުރަމުންނެވެ.
ނާލާފުށީގެ ފެނާއި ނަރުދަމާ ވިއުގައިގެ މަސައްކަތް މިމަހުގެ 1 ވަނަ ދުވަހު އެކުންފުނީން ފަށާފައިވާއިރު މި މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި މަހަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުންވެސް އާރްއޯ ޕްލާންޓުގެ ޓޭންކު ބެޑުގެ ފައުންޑޭޝަން އެޅުމާއި ޓޭންކް ބެޑް ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު އެކުންފުނީން ދަނީ ކުރަމުންނެވެ.
މަގޫދޫގެ ފެނާއި ނަރުދަމާ ވިއުގައިގެ މަސައްކަތް މިދިޔަ މަހުގެ 17 ވަނަ ދުވަހު އެކުންފުނީން ފަށާފައިވާއިރު މި މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ސައިޓު ސާފު ކުރުމާއި މަސައްކަތަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތެވެ.
އެކުންފުންޏާއި ހަވާލުކޮށްފައިވާ މިލަދޫގެ ފެނާއި ނަރުދަމާ ވިއުގައިގެ މަސައްކަތް މިދިޔަ މަހުގެ 26 ވަނަ ދުވަހު އެކުންފުނީން ފަށާފައިވާއިރު މި މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހަށެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ކަރަންޓު މީޓަރު ގުޅުމާއި ޓޭންކުގެ ސައިޓު ސަރަހައްދު ސާފުކުރުމާއި ސައިޓުގައި ތަކެތި ރައްކާކުރާ ގުދަން ތައްޔާރުކުރުމާއި ބައުންޑްރީ ލައިން ފާހަގަކުރުމުގެ މަސައްކަތެވެ.
ފެންފުށީގެ ފެނުގެ ވިއުގައިގެ މަސައްކަތްވެސް މިމަހުގެ 9 ވަނަ ދުވަހު ފަށައި ސްކެފޯލްޑިންގ ސެޓަޕްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި މަހަށެވެ. އަދި ކުޑަރިކިލުގެ ނަރުދަމާގެ ވިއުގައިގެ މަސައްކަތް މިދިޔަ މަހުގެ 17 ގައި ފަށާފައިވާއިރު ސައިޓު ހުސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތް ނިމޭނެ ކަމަށް ފެނަކައިން ލަފާކުރަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ފެނަކައިން ބުނީ މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކި އެކި މަޝްރޫއުތައް ހިންގުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށާއި މި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ކުރިޔަށް ހުރި ދުވަސްތަކުގައި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
ގުޅުންހުރި

10 މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެނަކައިން ފަށައިފި

ފެނަކަ ކޯޕަރޭޝަންގެ އައު ޗެއާމަނަކަށް ޝާމް!

ފެނަކައަށް 13 އަހަރު: ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
