
ވީއައިއޭ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރުވުން: އެއާޕޯޓަށް ވަންނަ މައި މަގުގައި އަލުން ތާރުއަޅަނީ
# އެމްއޭސީއެލް--
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް އެއާޕޯޓަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެއާޕޯޓަށް ވަންނަ މައި މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން މިއަދު ބުނީ އެކުންފުނީގެ ފެސިލިޓީސް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ރޯޑް އެންޑް އެއާފީލްޑް މެއިންޓެނެންސް ސެކްޝަނުން އެއާޕޯޓަށް ވަންނަ މައި މަގުގެ ތާރުގަނޑު އާ ކުރުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ.
އަދި މި މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް މިހާރު ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށްވެެސް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނީ އެއާޕޯޓަށް ވަންނަ މައި މަގުގެ ތާރުގަނޑު އާ ކުރުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނިންމާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހެވެ. އެއީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ދިމާކޮށެވެ. މި އާ ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ވަނީ ގާއިމްކޮށްފައެވެ.
މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް އާ ޓާމިނަލްގައި ގާއިމުކޮށްފައި ހުންނާނެއެވެ. މި ކިއޮސްކް ތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި މީގެ އިތުރުން ފްލައިޓަށް އެރުމަށް އެއިރޯ ބްރިޖްތައްވެސް މި އެއާޕޯޓާއިއެކު މުޅިން އަލަށް ދިވެހި ރާއްޖޭގައި ބޭނުންކުރަން ފަށާނެއެވެ.
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.
އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ. ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.
ގުޅުންހުރި

ވީއައިއޭގައި އަލަށް ބޭނުންކުރާ ބޯޑިންބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީންކޮށްފި

ވީއައިއޭ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރުވުން: އެއާޕޯޓަށް ވަންނަ މައި މަގުގައި އަލުން ތާރުއަޅަނީ

އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް - ނޫރައިން
